20 މެއި 2020 - 11:45

ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 43 މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ.
އެ އިދާރާ އިން ބުނީ މިއަދުގެ ހެނދުނު 10 ޖެހުމާ ހަމައަށް ޕޮޒިޓިވްވީ ބަންގްލަދޭޝްގެ 28 މީހަކާއި ދިވެހިންގެ 10 މީހަކާއި އިންޑިއާގެ ހަތަރެއް އަދި ނޭޕާލްގެ މީހެއް ކަމަށެވެ. މި އަދަދާ އެކު، ރާއްޖެ އިން އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަކީ 1،186 އެވެ.
އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ދިވެހިންގެ ތެރެއިން މިހާތަނަށް ކޮވިޑް-19 ޖެހުނީ 424 މީހަކަށެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ 609 މީހަކަށް މިހާތަނަށް އެ ބަލި ވަނީ ޖެހިފަ އެވެ. ދެން އެންމެ ގިނައީ އިންޑިއާގެ މީހުންނެވެ. އެ ގައުމުގެ 112 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު 1،186 މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 91 މީހެކެވެ. ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.