17 އޮކްޓޯބަރ 2016 - 09:17

ޝަންހާއީ، ޗައިނާ (އޮކްޓޯބަރު 17) - ޝަންހާއީ މާސްޓާސް ތަށި ކާމިޔާބުކޮށް އިނގިރޭސި ޓެނިސް ކުޅުންތެރިއާ އެންޑީ މަރޭ ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް އެރުމުގެ އުއްމީދު ބޮޑު ކޮށްފި އެވެ.
ޝަންހާއީ މާސްޓާސް ފައިނަލުގައި މަރޭ ވާދަކުރީ ސްޕެއިނުގެ ބައުޓިސްޓާ އެގަޓް އެވެ. ދުނިޔޭގެ 19 ވަނައިގައި އޮތް ބައުޓިސްޓާ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ދުނިޔޭގެ އެއް ވަނަ ނޮވަކް ޖޮކޮވިޗް ބަލިކުރުމަށް ފަހު އެވެ. މަރޭ ފައިނަލު މެޗުގެ ސެޓުތައް ގެންދިޔައީ 7-6، 6-1 އިންނެވެ.
މިއީ މި މުބާރާތުގެ ޗެމްޕިއަންކަން މަރޭ ހޯދި ތިން ވަނަ ފަހަރެވެ. އެހެން ކަމުން މި މުބާރާތުގެ ކާމިޔާބީއާ އެކު މަރޭ އަށް ވަނީ 1000 ޕޮއިންޓް ލިބިފަ އެވެ. ރޭންކިން އެއް ވަނައިގައި އޮތް ޖޮކޮވިޗާއި މަރޭއާ ދެމެދު މިހާރު އޮތީ 915 ޕޮއިންޓުގެ ފަރަގެކެވެ.
"މިދިޔަ މުބާރާތްތަކުގައި އަހަންނަން ބޮޑު ކުރިއެރުމެއް ލިބިއްޖެ. އަހަރެންގެ ކާމިޔާބީގެ ސިއްރަކީ ބުރަ މަސައްކަތް. ކެރިއަރުގައި ގިނަ ކަންތައްތަކާ ކުރިމަތިލައިފިން. ރޭންކިން ފަރަގަށް ބަލާއިރު 900 ޕޮއިންޓް މިއޮތީ. މިއީ މާބޮޑު ތަފާތެއް ނޫން. ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް އެރުމަކީ އަބަދުވެސް އަހަރެންގެ ހުވަފެނެއް،" ރޭގެ މެޗަށް ފަހު މަރޭ ބުންޏެވެ.
މަރޭ ވަނީ މިިދިޔަ އާދިއްތަ ދުވަހު ޗައިނާ އޯޕަން މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ޝަންހާއީ މާސްޓާސް އަކީ މަރޭގެ ޓެނިސް ކެރިއަރުގައި އޭނާ އަށް ލިބުނު 41 ވަނަ ތަށްޓެވެ.
މީގެ ކުރިން މަރޭ ޝަންހާއީ މާސްޓާސް ކާމިޔާބުކުރީ 2010 އާއި 2011 ވަނަ އަހަރު އެވެ.