ގެއްލިގެން ހޯދަމުން ދިޔަ އިތުރު ބިދޭސީއަކު ފެނިއްޖެ
ގެއްލިގެން ހޯދަމުން ދިޔަ އިތުރު ބިދޭސީއަކު ފެނިއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަހުން ގެއްލިގެން ހޯދަމުން ދިޔަ އިތުރު ބިދޭސީއަކު ފެނިއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ އިތުރު ބިދޭސީއަކު ފެނިފައިވާ ކަމަށާއި މިހާރު ނުފެންނަނީ އެންމެ މީހެއް ކަމަށެވެ. ފެނުނު ބިދޭސީ މީހާގެ ކޭސް ނަމްބަރަކީ 594 ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ވިލިމާލޭ ޑިޓެންޝަން ބްލޮކުން މިދިޔަ ހޯމަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ރިޕޯޓްކޮށްފައިވާ ދެ މީހުންނަކީ ވެސް މި ކޭސްއާ ކޮންޓެކްޓް ވެފައިވާ ދެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ދެ މީހުން ވެސް ބައިތިއްބާފައި ވަނީ އައިސޮލޭޝަން ބްލޮކްތަކުގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ. މި ދެ މީހުންގެ ކޭސް ނަންބަރަކީ 1062 އާއި 1063 އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތް މީހަކު ގެއްލިގެން ހޯދަމުންދާކަން ސަރުކަރުން މީގެ ކުރިން ހާމަކޮށްފައި ވެއެވެ. އޭގެ ތެރެއިން އެކަކު ފިޔަވައި އެންމެން ފެނިފައިވާއިރު، އެކަކަށް ފަރުވާ ދީފައި ވަނީ ވެންޓިލޭޓަރުގަ އެވެ. ނަމަވެސް އޭނާގެ ހާލު ރަނގަޅުވެ، އިއްޔެ ވަނީ ވެންޓިލޭޓަރުން ނަގައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޖުމްލަ 1،143 މީހަކު މިހާތަނަށް ޕޮޒިޓިވްވެ، އޭގެ ތެރެއިން 86 މީހުން ވަނީ ރަނގަޅުވެފަ އެވެ. ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.