ކޮވިޑް-19 ޖެހި ނޭނގި ރަނގަޅުވެފައިވާ މީހުން އުޅޭތޯ ޓެސްޓްކުރަނީ
ކޮވިޑް-19 ޖެހި ނޭނގި ރަނގަޅުވެފައިވާ މީހުން އުޅޭތޯ ޓެސްޓްކުރަނީ

ކޮވިޑް-19 ޖެހުނުކަން ނޭނގި ރަނގަޅުވެފައި ހުރިތޯ ބަލަން އެންޓިބޮޑީ ޓެސްޓް ހެދުމުގެ މަސައްކަތް އެޗްޕީއޭ އިން ފަށައިފި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގެ މައުލޫމާތު ދޭން އެންއީއޯސީގައި ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ޖެހި އެކަމަކު އެކަން ނޭނގި ރަނގަޅުވެފައިވާ މީހުން ތިބިތޯ ބެލުމަށް މިހާރު އެންޓިބޮޑީ ޓެސްޓު ހަދަން ފަށާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ނެގީ، ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ތަންތަނުގެ ތެރެއިން މިހާރު ބަލަހައްޓަމުން ގެންދާ ބައެއް ތަންތަނުގައި އުޅޭ ބައެއް ބިދޭސީންގެ ސާމްޕަލެވެ.

ރާއްޖޭގައި މި ބައްޔަށް 600 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.

އެންޓިބޮޑީ ޓެސްޓް ހަދަނީ، ބަލި ޖެހި އެ ބައްޔާ ދެކޮޅަށް ހަށިގަނޑުގައި އެންޓިބޮޑީސް އުފެދިފައި ހުރިތޯ ބެލުމަށެވެ. އެންޓިބޮޑީސް ހުރި ނަމަ އެއީ ބަލި ޖެހި ރަނގަޅުވަމުންދާ ކަމުގެ ނުވަތަ ރަނގަޅުވެފައި ހުރިކަމުގެ ނިޝާނެކެވެ.

"ރާއްޖޭގައި ބަލި ޖެހިފައި ރަނގަޅުވި މީހުންގެ އަދަދެއް ބެލުމަށްޓަކައި ފުރަތަމަ ކޮންޓެއިންމަންޓް ސައިޓުތައް އެބަ ޓެސްޓުކުރެވޭ، ސީރޮލޮޖީ ޓެސްޓެއް ހަދަނީ އެ މީހުންގެ ގައިގައި އެންޓިބޮޑީސް ހުރިތޯ ބެލުމަށް، މިކަން ފަށައިގެން މިއަދު ދެ ކޮންޓެއިންމަންޓް ސައިޓަކުން ވަނީ ސާމްޕަލްތައް ނަގާފައި،" މަބްރޫކް ވިދާޅުވި އެވެ.

މި ދެ ސައިޓުގެ އިތުރަށް އެހެން ތަންތަން ވެސް ބަލަމުން އަންނަކަން ވެސް މަބްރޫކް ފާހަގަކުރެއްވި އެވެ.

މީގެ އިތުރަށް މާލޭގައި ތޮއްޖެހިގެން ދިރިއުޅެމުންދާ ބިދޭސީންނަށް އިތުރު އެހީތައް ވެސް ފޯރުކޮށްދެމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެގޮތުން އެފަދަ ބިދޭސީންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރެޑް ކްރެސެންޓާއި އެންއީއޯސީން ގުޅިގެން މަސައްކަތްކުރާ ކަން ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން، ރާއްޖޭގައި ތިބި ބިދޭސީންގެ ތޮއްޖެހުން ކުޑަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން ގައުމަށް ފޮނުވާލައި އަދި ބައެއް މީހުން ހުޅުމާލެ ގުޅީފަޅު އަދި ތިލަފުށީގެ ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފަ އެވެ.