އެމެރިކާ އިން ދެކެނީ މައުމޫނަކީ އިދިކޮޅު ސިޔާސީ ލީޑަރެއް ކަމަށް!
އެމެރިކާ އިން ދެކެނީ މައުމޫނަކީ އިދިކޮޅު ސިޔާސީ ލީޑަރެއް ކަމަށް!

ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ އިދިކޮޅު ސިޔާސީ ލީޑަރެއްގެ ގޮތުގައި އެމެރިކާ އިން ރޭ ސިފަކޮށްފި އެވެ.

ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީނާ ކޯޓުން އިއްޔެ ހަވާލުކުރުމާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ނިޝާ ބިސްވާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ "އިދިކޮޅު ސިޔާސީ ފަރާތްތަކާ" ދެކޮޅަށް އެޅި ފިޔަވަޅެއް ކަމަށެވެ.

"... އޭގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެސީ ފުނޑުފުނޑުވެދާނެ ކަމުގެ ބިރު ކުރިއަށް ވުރެ ބޮޑުވެފައިވާތީ އެމެރިކާ އިން ކަންބޮޑުވޭ،" ޑިސެމްބަރު 2014 ގައި ރާއްޖެ ވެސް ވަޑައިގެންފައިވާ ބިސްވާލް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫނަކީ އިދިކޮޅު ސިޔާސީ ލީޑަރެއް ކަމަށް ބޭރުގެ ގައުމަކުން ފުރަތަމަ ފަހަރަށް ބުނިއިރު، އިދިކޮޅު ސިޔާސީ ފަރާތްތަކުން އުފައްދަވާފައިވާ އިއްތިހާދާ އެކު މައުމޫން ހުންނެވި ކަމަށް އެ އިއްތިހާދުގައި އިސް ދައުރެއް އަދާކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރިން ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ވައްޓާލައި ދެން އުފައްދާ އިންތިގާލީ ސަރުކާރުގައި މައުމޫން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

އެ ވާހަކަފުޅުތައް ޕީޕީއެމާއި މައުމޫން ވެސް ސީދާ ދޮގެއް ނުކުރައްވަ އެވެ. އެކަމަކު އެ ފަރާތްތަކުން ބުނެފައި ވަނީ ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް މައުމޫން ނުކުރައްވާނެ ކަމަށެވެ.

މައުމޫނާއި އެމަނިކުފާނުގެ ކޮއްކޯފުޅު، ރައީސް ޔާމީނާ ދެމެދު ވަނީ ވަރަށް ބޮޑަށް މައްސަލަ އުފެދި، ވެރިކަން ކުރާ ޕާޓީ ދެ ބައިވެ، ދެ ބޭފުޅުންގެ ދެ ފެކްޝަން އުފެދިފަ އެވެ. އަދި މައުމޫނާއި އެ މަނިކުފާނަށް ވަފާތެރި ބޭފުޅުން ގެންދަވަނީ ސަރުކާރަށް، ހާއްސަކޮށް ސީދާ ރައީސް ޔާމީނަށް، ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މި މައްސަލަގަނޑުގެ ތެެރެއިން ރައީސް ޔާމީނަށް ތާއީދުކުރައްވާ ދެ ބޭފުޅަކު ހުށަހެޅުއްވި މަައްސަލައިގައި ސިވިލް ކޯޓުން ވަނީ ޕާޓީ ހިންގުމާ އެ ޕާޓީގެ މުސްތަޝާރު ހަވާލުވެ ވަޑައިގަތުމަށް އަމުރުކޮށްފަ އެވެ. އަދި ރޭ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން އޮތް ކައުންސިލް ބައްދަލުވުމެއްގައި، ދެން އޮންނަ ކޮންގްރެސްއާ ހަމައަށް ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް އެމަނިކުފާނަށް ވަނީ ދީފަ އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ މުސްތަޝާރަކީ އެ ޕާޓީގެ ފަރާތުން އެ އިރަކު ވެރިކަމުގައި ހުންނަވާ ބޭފުޅެކެވެ. އެހެންވެ، މިހާރު ޕީޕީއެމްގެ މުސްތަޝާރަކީ ރައީސް ޔާމީނެވެ. އެކަމަކު، އަސާސީ ގަވައިދުގައިވާ ގޮތުން ޕީޕީއެމްގެ މުޝްތަޝާރަކީ ޕާޓީ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އަމަލީ އެއްވެސް ދައުރެއް އޮންނަ ފަރާތެއް ނޫނެވެ.