ޓީވީ މެދުވެރިކޮށް އަންނަ ހަފުތާގައި ކިޔަވައިދޭން ފަށަނީ
ޓީވީ މެދުވެރިކޮށް އަންނަ ހަފުތާގައި ކިޔަވައިދޭން ފަށަނީ

ޓީވީ މެދުވެރިކޮށް އަންނަ ހަފުތާގައި ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، ފައުންޑޭޝަނުން ފެށިގެން ގްރޭޑު 12ގެ ދަރިވަރުންނަށް އަންނަ ހޯމަ ދުވަހު ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދޭން ފަށާނެ ކަމަށެވެ. އެ ފިލާވަޅުތައް ދައްކަން ހަމަޖައްސާފައިވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެނަލަކުންނެވެ.

ބައެއް ސްކޫލުތަކުގައި މިހާރު ވެސް އަންނަނީ ދަރިވަރުންނަށް ފިލާވަޅުތައް ހަވާލުކުރަމުންނެވެ. އެގޮތުން އެކަޑެމިކް ކަލަންޑަރާ އެއްގޮތަށް ގޫގުލް ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ކިޔަވައިދިނުން ކުރިއަށް ގެންދާއިރު، ޓެލިކިލާހަކީ އެކަމަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ އެއްޗެކެވެ.

އިހުސާން ވިދާޅުވީ މީގެ ކުރިން ޓެލިކިލާސް ކުރިއަށް ގެންދިޔަ ގޮތާ ހިލާފަށް، މި ފަހަރު ރާއްޖޭގެ އެކި ހިސާބުތަކުން ޓީޗަރުން ފިލާވަޅުތައް ނަގައިދިނުމުގައި ބައިވެރިވާނެ ކަމަށެވެ.

"ފައުންޑޭޝަންގެ ދަރިވަރުންނަށް ވެސް އެނިމޭޓެޑް ވީޑިއޯއާ ޝައުގުވެރިވާނެ ގޮތަށް ކިޔަވައިދިނުން ރާވާފައި ވަނީ. އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަނީ،" އިހުސާން ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ބަންދުކުރިތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. މީގެ ކުރިން ވެސް ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދިން ނަމަވެސް މާލެއިން ކޮވިޑް-19 ގެ ބަލި މީހަކު ފެނި މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދިނުން ވެސް މެދުކެނޑުނީ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވިދާޅުވި ގޮތުގައި ސްކޫލުތައް ބަންދުކުރަންޖެހި ކިޔަވައިނުދެވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ. އެހެންވެ ވީހާ ވެސް އަވަހަކަށް ކިޔަވައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) އަދި ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ސިއެރަ ލިއޯންގެ ބޭސިކް އަދި ސީނިއާ ސެކަންޑްރީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި މިނިސްޓަރުންގެ ފޯރަމްގައި، މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ދަރިވަރުންނަށް ފިލާވަޅުތައް ހަވާލުނުކުރެވި، ސްކޫލުން ވަކިވާ ދަރިވަރުންގެ އަދަދު ގިނަވުމުގެ ފުރުސަތު އޮތުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން ހުރިހާ ދަރިވަރުންނާ ހަމައަށް ވާސިލްވުމަކީ ވަރަށް ދަތިކަމެއް ކަމަށާއި ވާޗުއަލްކޮށް ކިޔަވައިދިނުމުގެ ނިޒާމަކާއެކު އެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ ރާއްޖޭގެ ސްކޫލު ސިސްޓަމަށް ވަރަށް އާ ކަމެއްކަން ފާހަގަކުރެއްވި އެވެ.