އިންޑިއާ މަނަވަރުން ދިޔަ އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ
އިންޑިއާ މަނަވަރުން ދިޔަ އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާގެ މީހުން އަނބުރާ ގެންދިޔުމަށް އެ ގައުމުން ފޮނުވި މަނަވަރަކުން ދިޔަ އިތުރު މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުން، 43 އަހަރުގެ އެ ފިރިހެން މީހާ ކޮޗިންއަށް ފޭބި އިރު ވެސް ހުރީ ކޮންމެވެސް ވަރަކަށް ހުން އައިސްފަ އެވެ. އަދި އަލާމާތްތައް ފެންނަން ފެށުމާއެކު ހޮސްޕިޓަލަށް ގެންގޮސް ޓެސްޓު ކުރި އިރު، ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ނޫސްތަކުގައި ބުންޏެވެ.

މަނަވަރުން ދިޔަ ތިން މީހަކު މީގެ ކުރިން ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެކަމަކު އެއީ، މީހުން ގެންދިޔަ ދެ މަނަވަރުގެ ތެރެއިން ކޮން މަނަވަރެއްގައި ތިބި ބައެއް ކަމެއް ނޭނގެ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ކުރިން ޕޮޒިޓިވްވި އެންމެންނަކީ ވެސް، ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ބައިސަން މޯލްޑިވްސްގެ މުވައްޒަފުންނެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ މީހުން ގޮވައިގެން އެންމެ ފުރަތަމަ މަނަވަރެއް ގޮސްފައިވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އިންޑިއާ ސިފައިންގެ އެ މަނަވަރުން 698 މީހުން ގެންދިޔަ އެވެ. އަދިި ދިހަ ވަނަ ދުވަހު ފުރި ދެ ވަނަ މަނަވަރުގައި، 202 މީހުން އެނބުރި ގައުމަށް ދިޔަ އެވެ.

ރާއްޖޭން ފުރި އެންމެން ވެސް އެންމެ ފުރަތަމަ ގެންދިޔައީ ކޮޗިންއަށެވެ. އެތަނުގައި 14 ދުވަސް ވަންދެން އެ މީހުން ކަރަންޓީނުގައި ތިބޭނެ ކަމަށް އިންޑިއާއިން ބުނެފައި ވެ އެވެ.

އެ ދަތުުރުތަކުގައި އިންޑިއާ އަށް ގެންދިއުމުގައި އިސްކަން ދީފައިވަނީ ސިއްހީ އިމަޖެންސީތަކުގައި އަނބުރާ ދާން ޖެހޭ މީހުންނަށާއި ވަޒީފާ ގެއްލިފައިވާ މީހުންނާއި މާބަނޑު އަންހެނުންނާއި އިންޑިއާ އަށް ދެވޭނެ ގޮތެއް ނެތި ރާއްޖޭގައި ތާށިވެފައި ތިބި ޓޫރިސްޓުންނަށެވެ.