19 މެއި 2020 - 16:00

ފުލުހުން އިލެކްޓްރިކް ހަތިޔާރު ބޭނުން ކުރަން ނިންމައި އެކަމުގެ ތައްޔާރީތައް ފަށައިފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންޑަކްޓަޑް އިލެކްޓްރިކް ވެޕަން ނުވަތަ އިލެކްޓްރިކް ޝޮކްދޭ ބަޑި (ސްޓަން ގަން) ޓްރަޔަލްގެ ގޮތުގައި މިހާރު ބޭނުން ކުރަން ފަށައިފައިވާ ކަމަށެވެ. އޭގެ ބޭނުމެއްގެ ގޮތުގައި ސީޕީ ފާހަގަ ކުރެއްވީ ފުލުހުންނާއި އާއްމުންގެ ރައްކާތެރިކަން އިތުރު ކުރުމެވެ.
"މިއީ ފުލުހުންނާއި އާއްމުންނަށް ދޭ ހަމަލައަކުން ދިފާއުވެ އަދި ދޭ ގެއްލުން ކުޑަކުރުމަށް ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެ،" ހަމީދު ވިދާޅުވި އެވެ.
ޓްވީޓާއެކު އޭނާ ވަނީ ފުލުހުން އޭގެ ހަތިޔާރު ބޭނުން ކުރާނެ ގޮތުގެ ވީޑިއޯއެއް ވެސް އާއްމުކޮށްފަ އެވެ. އޭގައި ފެންނަ ގޮތުން، ފުލުހުންނާ ކުރިމަތިލާން އުޅޭ މީހަކަށް، ފުލުހުންގެ ބެލްޓުގައި އަޅުވާފައި ހުންނަ އެ ބަޑި ނަގައި، ހަމަލާދީ ވައްޓާލަ އެވެ.
ހަމީދު ވިދާޅުވީ ފުލުހުން ބާރުގެ ބޭނުން ކުރާ މިންވަރު ބަލާއިރު، މި ހަތިޔާރު ބޭނުން ކުރާ ގޮތް ވެސް ބަލާނެ ކަމަށެވެ. އަދި ހަށިގަނޑުގައި ހަރުކޮށްފައި ހުންނަ ކެމެރާއިން ވީހާ ވެސް ޒިންމާދާރުގޮތެއްގައި އެ ހަތިޔާރު ބޭނުން ކުރޭތޯ ޔަގީންކުރާނެ ކަމަށް ވިދާޅުވި އެވެ.