19 މެއި 2020 - 13:18

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިިމް އަލީ، އަމުރު ނެރުމުގައި ގާނޫނާ ޚިލާފަށް އަމަލުކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި، ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ގާޒީ އިބްރާހިމް ކޯޓު އަމުރު ނެރުމުގައި ގާނޫނުއަސާސީއާ ޚިލާފްވި ކަމަށް ބުނާ މައްސަލައެއް ބަލަން ނިންމައި، އެ ކަން ބެލުމަށް ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން އަމުރެއްގެ މައްސަލަ ކަމެއް ޖޭއެސްސީއަކުން ހާމައެއް ނުކުރެ އެވެ.
ގާޒީ އިބްރާހިމްގެ މައްސަލައެއް ބަލަން ނިންމިއިރު، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބްގެ ސުލޫކީ މައްސަލައެއް ވެސް އެ ލިސްޓުގައި އެބައޮތެވެ. ޖޭއެސްސީން ވަނީ މިދިޔަ މަހު އޭނާ ސަސްޕެންޑް ކޮށްފަ އެވެ. އެހެން ބައެއް ކޯޓުތަކުގެ ފަނޑިޔާރުންގެ މައްސަލަ ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
މީގެ ކުރިން ސުލޫކީ މައްސަލަތަކުގައި ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.