20 މެއި 2020 - 09:53

ސަލްމާން ޚާނާ އެކު އޮންނަނީ ސީދާ ކޮން ކަހަލަ ގުޅުމެއްކަން ކަށަވަރުނުވާ އެކަމަކު އޭނާއާ ވަރަށް ގާތްކޮށް އުޅޭ ރުމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރު ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނެރުމުގެ ޒިންމާއާ ސަލްމާން ހަވާލުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން ބަތަލާއެއްގެ ގޮތުގައި އޫލިއާ ތައާރަފުކުރަން "ރާދާ ކިޔު ގޯރީ، މޭ ކިޔު ކާލާ" ކިޔާ ފިލްމެއް އިއުލާންކޮށް، އޭގެ ޕޯސްޓަރު ވެސް ދައްކާލާފައިވެ އެވެ. އެ ފިލްމު ޑައިރެކްޓްކުރާނީ ޕްރޭނީ ސޯނީ ކަމަށް ވެސް އޭރު ބުނެފައިވެ އެވެ.
"ރާދާ ކިޔު ގޯރީ، މޭ ކިޔު ކާލާ" ފިލްމުގެ ޕޯސްޓަރު ސަލްމާން ޓްވީޓްކޮށް، އޫލިއާ އަށް މަރުހަބާ ވެސް ކިޔާފައިވެ އެވެ. އެ ފިލްމު އިއުލާންކުރިތާ ދުވަސްތަކެއް ފަހުން، އޫލިއާގެ ބަދަލުގައި ބަތަލާ ސޮނާކްޝީ ސިންހާ އަށް ފިލްމު ދިން ކަމުގެ އަޑުތަކެއް ވެސް އެރި އެވެ. ނަމަވެސް އެ ފިލްމުގެ ވާހަކަ އޮތީ ހުއްޓިފަ އެވެ.
ނަމަވެސް ފިލްމުގެ މަސައްކަތް ވާނުވާގައި އޮތުމާ އެކު، ސީދާ ސަލްމާން ޕްރޮޑިއުސްކުރާ ފިލްމަކުން އޫލިއާ ބޮލީވުޑަށް ނެރެން ނިންމާފައިވާ ކަމަށާއި އިންޑިއާގެ ލޮކްޑައުނާ އެކު ހުއްޓިފައިވާ ފިލްމީ މަސައްކަތްތައް އަލުން ފެށުމާ އެކު ސަލްމާން އެ ފިލްމު އިއުލާންކުރާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.
އޫލިއާ މީގެ ކުރިން ވެސް ވަނީ ސަލްމާން ހިއްސާވި ފިލްމުތަކެއްގައި ބައިވެރިވެފަ އެވެ. އެގޮތުން އޭގެ އޭނާގެ ޅިޔަނު އަތުލް އަގުނިހޯތުރީ ޕްރޮޑިއުސްކޮށް 2014 ގައި ގެނެސްދިން ފިލްމު "އޮ ތެރީ" ގެ އައިޓަމް ލަވައެއް އޫލިއާ ކުޅުނު އިރު އެ ފިލްމު ނެރޭޓްކޮށް ދިނީ ސަލްމާނެވެ.
އަދި 2018 ގައި ސަލްމާން ކުޅެ، ޕްރޮޑިއުސްކުރި "ރޭސް 3" ގެ ދެ ލަވައެއް އޫލިއާ ކިޔާފައިވެ އެވެ.
ސަލްމާނާއި އޫލިއާގެ ގުޅުމާ ބެހޭ ގޮތުން މިހާތަނަށް ވަރަށް ގިނަ ވާހަކަތަކެއް ދެކެވިފައިވެ އެވެ. އަދި އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ އާއި ކައިވެނިކުރަން އުޅޭ ވާހަކަ އެކި ފަހަރުމަތިން މީޑިއާތަކުގައި ދެކެވިފައިވެ އެވެ.
ދާދި ފަހުން ވެސް ސަލްމާނާ ކައިވެނިކުރުމާ ބެހޭ ގޮތުން އޫލިއާ މީޑިއާއަކުން ސުވާލުކޮށްފައިވެ އެވެ. އެ އިންޓަވިއުގައި އޭނާ ވަނީ އެ ސުވާލު އެތައް ފަހަރަކު އަމާޒުވެފައިވާ ކަމަށާއި ގުޅުމެއް ދަމަހައްޓަން ކައިވެންޏެއް މުހިއްމުތޯ ސުވާލު އުފައްދައިފަ އެވެ.
ލޮކްޑައުނާ އެކު ސަލްމާން އޭނާގެ ޕޭންވެލް ފާމްހައުސްގައި ތާށިވެފައި އިރު، އެ ތަނުގައި އޭނާއާ އެކު އޫލިއާ އާއި ޖެކްލިން ފެނަންޑޭޒާއި ވަލޫޝާ ޑި ސޫޒާ އުޅެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ފާމްހައުސްގައި ޖެކްލިންއާ އެކު ކުޅުނު ވީޑިއޯ ލަވަ "ތެރެ ބިނާ" ވެސް މި މަހުގެ ކުރީކޮޅު ވަނީ އާންމުކޮށްފަ އެވެ. އެ ލަވަ ކިޔައި، ޑައިރެކްޓްކުރީ ވެސް ސަލްމާނެވެ.