18 މެއި 2020 - 23:06

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި އަންނަ ޖުލައި މަހާ ހަމައަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފި އެވެ.
އެ ސްކޫލުގެ، ބެލެނިވެރިންނަށް ފޮނުވި ސިޓީއެއްގައި ބުނީ، ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން އަންނަ ޖުލައި 23 ވަނަ ދުވަހާ ހަމައަށް އޮންލައިންގެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ.
ކިޔަވައިދިނުމުގެ އިތުރުން އިތުރު ހަރަކާތްތައް ވެސް އެ މުއްދަތުގެ ތެރޭގައި ގެންދާނެ ކަމަށް ބުންޏެވެ.
މާލޭގައި ވެސް ހަލުއިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު މަހުގެ 12 އިން ފެށިގެން ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ސްކޫލުތަކުގައި އެކި ވަސީލަތްތައް މެދުވެރިކޮށް ދަރިވަރުންނަށް އަންނަނީ ފިލާވަޅުތައް ހަވާލުކުރަމުންނެވެ.
ޣިޔާސުއްދީން ސްކޫލުން ވެސް އައީ އޮންލައިންކޮށް ކިޔަވައިދެމުންނެވެ. އެގޮތުން އަންނަ ޖުލައި މަހާ ހަމައަށް ލޯންޗުކޮށްފައިވަނީ "ސްމާޓް ޓީޗިން ޓާމް" އެވެ.
އެ ސިޓީގައި ބުނިގޮތުގައި ކޮވިޑް-10 ގެ ސަބަބުން އެކި އާއިލާތަކަށް ދިމާވެފައިވާ ހާލަތު ތަފާތުވާނެކަން ގަބޫލުކުރާ ކަމަށެވެ. އުނދަގޫ ހާލަތެއް މެދުވެރިވެފައިވާ މި ދަނޑިވަޅުގައި ތައުލީމަކީ އެންމެ މުހިއްމު ކަމަކަށް ނުވެދާނެ ކަމަށާއި ނަމަވެސް އެ ހާސްކަން ފިލުވައިދިނުމަށް ކުރެވެން އޮތް ކަމެއް ކޮށްދޭނެ ކަމަށް ބުންޏެވެ.
މި ބަލިމަޑުކަމުގައި ވެސް ކިޔަވައިދިނުމާއި ކިޔެވުމަކީ މުހިއްމު ކަމެއް ކަމަށާއި ދަރިވަރުން ފެއިލްވެގެންދާތަން ބަލަން ބޭނުންނުވާ ކަމަށް ބުންޏެވެ.
ކިޔަވައިދިން ނަމަވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް އީދު ޗުއްޓީ ދޭން ވަނީ ނިންމައިފަ އެވެ. އެއަށް ފަހު ކްލާސްތައް ފަށާނީ މި މަހުގެ 31 ވަނަ ދުވަހެވެ.
އަމިއްލަގޮތުން ނުވަތަ އާއިލާ އަށް ވެސް ކޮވިޑް-19 ގެ އަސަރުކޮށްފައިވާ ދަރިވަރުން ކްލާސްތަކުގައި ބައިވެރިނުވިއަސް އެކަމުގައި މައްސަލައެއް ނެތް ކަމަށާއި ކްލާސްތަކުގައި ބައިވެރިވިކަމުގައި ވިއަސް އާއްމު ހާލަތުގައި ކްލާސްތައް ނެގުމަށް އެހީތެރިކަން ދޭނެ ކަން ފާހަގަކުރި އެވެ.
ގްރޭޑު 1-5 ގެ ދަރިވަރުންނަށް ކިޔަވައިދޭނީ މައިކްރޮސޮފްޓް ޓީމްސް އަދި ޒޫމް މެދުވެރިކޮށެވެ. ގްރޭޑު 1-3 އިން ފެށިގެން ކޮންމެ ކްލާހެއް ވެސް ހަތަރު ގްރޫޕަކަށް ބަހާލާނެ އެވެ. އެ ކޮންމެ ގްރޫޕަކަށް، ދުވާލެއްގެ މައްޗަށް 3-4 ފިލާވަޅު ނަގައިދޭއިރު އެ ފިލާވަޅުތަކުގެ ދިގުމިނަކީ 40 މިނެޓެވެ.
އެ ދަރިވަރުންނަށް ކްލާސް ޓީޗަރާ އެކު ވަކިން ވާހަކަދައްކާލަން 10-15 މިނެޓު ލިބޭނެ އެވެ.
ގްރޭޑު 6-10 ގެ ދަރިވަރުން ކިޔެވުމަށް ބޭނުންކުރާނެ މައިގަނޑު ވަސީލަތަކީ މައިކްރޮސޮފްޓް ޓީމެވެ. ކޮންމެ ދުވަހަކު 4-5 ފިލާވަޅު ނަގާއިރު އެ ކޮންމެ ފިލާވަޅެއްގެ ދިގުމިނަކީ 40 މިނެޓެވެ.
ރީޑާސް އާއި ލިޓްރަސީ ހަފުތާ އާއި ގުރުއާން އަދި މަދަހަ މުބާރާތްތައް ވެސް ބާއްވާނެ ކަމަށާއި އެކަމުގެ މައުލޫމާތު ދުރާލައި ބެލެނިވެރިންނަށް ހިއްސާކުރާނެ ކަމަށް ބުންޏެވެ.
"އަޅުގަނޑުމެން ޔަގީންކަން އަރުވަން ބޭނުންވަނީ މި ދަތި ހާލަތުގައި ވެސް ދަރިވަރުންނަށް ކިޔަވައި ދޭން އަޅުގަނޑުމެން ފަސްނުޖެހި މަސައްކަތްކުރާނެކަން،" ބެލެނިވެރިންނަށް ފޮނުވި ސިޓީގައިވެ އެވެ.