18 މެއި 2020 - 17:11

ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ކެނެޑާ ސަރުކާރުން އެއް މިިލިއަން ރުފިޔާ ދީފި އެވެ.
ވާޗުއަލް ހަފްލާއެއް ބާއްވައި މި އެހީގެ އެއްބަސްވުމުގައި ދެ ގައުމުގެ ސަރުކާރުން މިއަދު ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސޮއެކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އާއި ކެނެޑާއިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑޭވިޑް މެކިނަން އެވެ.
މި ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖެންޑާ މިނިސްޓާ އައިޝަތު މުހައްމަދު ދީދީ އާއި، މިނިސްޓާ އޮފް ސްޓޭޓް ފޮ ފޮރިން އެފެއަޒް އަހުމަދު ޚަލީލާއި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އާއި، ފިނޭންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އަދި ކެނެޑާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ކެނެޑާއިން ދީފައިވާ އެހީއަކީ ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދީފައިވާ އެހީއެކެވެ. އެގޮތުން މި ޕްރޮޖެކްޓް މެދުވެރިކޮށް ހާލުގައި ޖެހިފައިވާ 400އެއްހާ މީހުންނަށް ތިބޭނެ ވަގުތީ ހިޔާއެއް ގާއިމްކުރުމުގެ އިތުރުން ބޭނުންވާ އިތުރު އެހީތައް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި މި ޕްރޮޖެކްޓު ކުރިއަށް ގެންދިން ހަމަޖައްސާފައި ވަނީ ޖެންޑާ މިނިސްޓްރީން ކަމަށް ވެސް ބުނެފައި ވެއެވެ.
މި ރައްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކެނެޑާގެ ޚާރިޖީ ވަޒީރު ފްރާންސްވާ ފިލިޕް ޝެމްޕޭންއަށާއި، އެގައުމުގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓާ ކެރީނާ ގޫލްޑް އަށް ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެނެޑާ ސަފީރު ވަނީ، ތަފާތުކުރުމެއް ނެތި ހާލުގައި ޖެހޭ ހުރިހާ އެންމެނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފަ އެވެ.
ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ މި އިގްތިސޯދީ އަޑިގަނޑުގައި މި ބައްޔާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަވަށްޓެރި ގިނަ ގައުމުތަކުން އަންނަނީ އެހީތެރިން ފޯރުކޮށްދެމުންނެވެ. އެގޮތުން އިންޑިއާ ޗައިނާ ބަންގްލަދޭޝް އަދި ރަޝިއާ ވެސް ފާހަގަކޮށްލެވެ އެވެ. ފައިސާގެ އެހީގެ އިތުރަށް ކާބީތަކެއްޗާއި ބޭހސް އަދި ސިއްހީ އެކި ކަންކަމުގައި ބޭނުންވާނެ އާލާތްތައް ވެސް މިގައުމުތަކުން އަންނަނީ ފޯރުކޮށްދެމުންނެވެ.