18 މެއި 2020 - 17:44

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބޭ ފައިސާގެ އަދަދަކީ ކުންފުނީގެ ވިޔަފާރީގެ ސިއްރެއް ނޫން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ އެމްޑީގެ މުސާރަ ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާ އަށް ވަނީ އާންމުވެފަ އެވެ. އަދި ސިޓީ އާއްމުވި ގޮތް ބަލައިދޭން އެދި ސްޓެލްކޯ އިން މަޖިލީހަށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ސިޓީ އާއްމު ވުމުން، އެ ސިޓީގެ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނާއި ވެރިންގެ އަގު ވައްޓާލަން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން މައުލޫމާތު ހޯދަން އެދޭ އިރު އެއީ އާއްމުކުރާނެ މައުލޫމާތުކަން ނުވަތަ ނޫންކަން އަންގަން ވެސް ސިޓީގައި އެދިފައި ވެ އެވެ.
އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ސިޓީއާ ބެހޭ ގޮތުން ކުރި މަޝްވަރާގައި ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިޔްލާސް ލަބީބް ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކަކީ އާއްމު ގޮތެއްގައި މީޑިއާ ތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޖަލްސާތަކާއި ބައްދަލުވުންތައް ކަމަށެވެ. އެގޮތަށް އެކަން ކުރަން މަޖިލީހުގެ ގަވައިދުގައި އޮންނަ ކަމަށާއި ސިއްރު ކުރެވޭނެ ހާލަތްތައް ވެސް އެ ގަވައިދުގައި އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ހުރިހާ ޖަލްސާއަކީ ވެސް ހުޅުވައިލެވިގެން ގެންދާ ޖަލްސާއެއް ސިއްރު ޖަލްސާއެއްގެ ގޮތުގައި މަޖިލިސްގެ އެ ކޮމިޓީއަކުން ކަނޑަ ނާޅާހާ ހިނދަކު،" އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްޓެލްކޯގެ ސިޓީއަށް ޖަވާބު ދޭ އިރު ގަވައިދުގައި އެކަން އޮތް ގޮތް ސާފުކޮށް ދެއްވާނެ ކަމަށެވެ.
ކޮމިޓީ އަށް ލިބޭ ލިޔެކިއުންތަކުގައި ހުންނަ މައުލޫމާތު ވެސް މީޑިއާ އަށް ދެވޭނެ ކަމަށާއި އެކަމަށް އުސޫލުތަކެއް އޮންނަ ކަމަށް ވެސް އިލްްޔާސް ވިދާޅުވި އެވެެ.
ސްޓެލްކޯގެ އެމްޑީގެ މުސާރަ އޮޅުންފިލުވަން އެސްއޯއީ ކޮމިޓީގެ ޖަލްސާއެއްގައި ސުވާލު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެވެ. އެއީ އާއްމުކޮށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ދުވަހު މެމްބަރު ކުރެއްވި ސުވާލުގެ ޖަވާބު މުޣުނީ ނުދެއްވަ އެވެ. އޭގެ އެތައް ދުވަހެއް ފަހުން ސްޓެލްކޯއިން ޖަވާބު ދިނީ ލިއުމުންނެވެ.
މިއަދުގެ ބައްދަލުވުމުގައި ބޮންޑޭ ވިދާޅުވީ ދައުލަތުގެ ފައިސާ ހަރަދުކުރާ ގޮތް ބެލުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރަން ޖެހޭ ކަމެއް ކަމަށާއި ސްޓެލްކޯގެ އެމްޑީއާ ކުރެއްވި ސުވާލުގެ ޖަވާބު ނުދެއްވައިގެން ޖަވާބު ހޯއްދަވަން ޖެހިވަޑައިގެންނެވީ އިތުރު މެމްބަރުން ލައްވާ ވެސް ގުޅައިގެން ކަމަށެވެ.
"އެ ސިޓީ އަކީ އެއި އަަޅުގަނޑު ކުރި ސުވާލަަކަށް އަޅުގަނޑަށް ދީފައިވާ ޖަވާބެއް. އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ ތަމްސީލުކުރާ މެމްބަރެއް ވީމާ، [އެމައުލޫމާތު] އަޅުގަނޑު ހާމަކުުރުމާ ނުކުރުމަކީ އަޅުގަނޑަށް ލިބޭ އިހުތިޔާރެއް. އެއީ ކޮމިޓީއާ ބެހޭ ކަމެއް ނޫން. އަޅުގަނޑަށް ރައްޔިތުުންގެ މަޖިލީހުގެ އިދާރާ މެދުވެރިކޮށް ވެސް ފޮނުވޭނެ ސިޓީ. އަދި އެހެނިހެން ގޮތް ގޮތަށް ވެސްް ސިޓީ ފޮނުވޭނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެސިޓީ އަކީ ލީކްކޮށްފައިވާ ސިޓީއެއް ނޫން ކަމަށާއި އެއީ އާއްމުކޮށްފައިވާ ސިޓީ އެއް ކަމަށެވެ. ރައްޔިތުންގެ މަސްލަހަތާ ގުޅޭ މައުލޫމާތުތައް ކުރިއަށް އޮތް ތަނުގައި ވެސް ހާމަކޮށް އާއްމު ކުރަމުން ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަދިވެސް ކުރިއަށް އޮތް ތާނގައި ހަމަ ހާމަ ކުރަމުން ދާނަން،" ބޮންޑޭ ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ވިދާޅުވީ ދައުލަތުގެ ކުންފުންޏެއްގެ ވެރިއެއްގެ މުސާރަ ރައްޔިތުންނަށް އެނގުމުން އެއީ ކުންފުންޏެއްގެ ވިޔަފާރީގެ ސިއްރެއް ހާމަވުން ކަމަށް ވަނީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އެއީ ކުންފުނީގެ ވިޔަފާރީގެ ސިއްރަކަށް ވަންޏާ ކުންފުުނިތަކުގެ އެމްޑީން ނަގާ މުސާރައަކީ އެމްޑީ ކުރައްވާ ވިޔަފާރިއަކަށް ވުންް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން އަޅުގަނޑު ހިތަށް މި އަރަނީ ދައުލަތުގެ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ މުސާރަ ހާމަކުރުން މިއީ ގައުމީ ސަލާމަތަށް ނުރައްކާހުރި ކަމެއް ބާވައޭ،" ނަސީމް ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ސްޓެލްކޯގެ އެމްޑީގެ މުސާރަ ބަޔާންކޮށްފައިވާ ސިޓީ އަކީ ކޮމިޓީގެ ތެރެއިން ލީކްވި އެއްޗެއް ނޫން ކަމަށާއި މެމްބަރަކު ހާމަކުރެއްވި މައުލޫމާތެއް ކަމަށް ސާފުކޮށް އެބަ ވިދާޅުވާ ކަމަށެވެ. އެހެންވީމާ އެއީ ބެލޭނެ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިހާދުގެ ވާހަކަ އަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމާއި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ތާއީދު ކުރެއްވި އެވެ.