16 އޮކްޓޯބަރ 2016 - 22:42

ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެބޭފުޅުންގެ މެދުގައި ޖެހިފައިވާ މައްސަލަ ހޫނުވެ، ދެ ފެކްޝަނެއް އުފެދިފައިވާއިރު، މިއަދު ބޭއްވި އެ ދެ ފެކްޝަންގެ ބައްދަލުވުމުގައި ވެސް، މައުމޫންގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ބައިވެރިވެވަޑައިގެންފި އެވެ.
ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޣައްސާން ވަނީ ބައްޕާފުޅު މައުމޫންގެ ފެކްޝަނުން މިއަދު މެންދުރު ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
އަދި ޕީޕީއެމްގެ ހިންގުމާ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީން ހަވާލުވެވަޑައިގަތުމަށް ސިވިލް ކޯޓުން މިއަދު ކުރި އަމުރާ ގުޅިގެން، އެ ފެކްޝަނުން މިރޭ ދަރުބާރުގޭގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވެސް ޣައްސާން ހުންނެވި އެވެ. އެހެންވެ ދެ ފެކްޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ ޣައްސާނެވެ.
މިއީ ޕީޕީއެމް ހިންގުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަންދެން ޕާޓީ ހިންގުމުގެ އެންމެހައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ އެ ޕާޓީގެ މުޝްތަޝާރު ކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލްގެ ރަސްމީ ޖަލްސާއެއް ބޭއްވުމަށް މުސްތަޝާރުގެ މައްޗަށް ކޯޓުން ކުރި ހުކުމާ ގުޅިގެން، ރައީސް ޔާމީންގެ ފެކްޝަނުން ބޭއްވި ބައްދަލުވުމެކެވެ. އަދި މިއީ ރައީސް ޔާމީންގެ ރިޔާސަތުގެ ދަށުން ބޭއްވި، އެމަނިކުފާނުގެ ފެކްޝަންގެ ފުރަތަމަ ބައްދަލުވުން ވެސް މެ އެވެ.
ރައީސް ޔާމީންގެ ފެކްޝަންގެ ކައުންސިލްގެ ބައްދަލުވުމުގައި ޣައްސާން ބައިވެރިވެވަޑައިގަންނަވާއިރު، އޭނާ އަކީ ރައީސް ޔާމީން 2018 ކެމްޕެއިން ކޮމިޓީގެ މެމްބަރެއް ކަމަށް ވެސް ވެ އެވެ. މީގެ އިތުރުން ރައީސް ޔާމީން މިދިޔަ ހަފުތާގައި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ވެސް ޣައްސާން ބައިވެރި ކުރެއްވި އެވެ.
ދެ ފެކްޝަންގެ ކައުންސިލް ބައްދަލުވުމުގައި ޣައްސާން ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އޭނާގެ އެއްބަނޑުއެއްބަފާ އެހެން ބޭފުޅުން ރައީސް ޔާމީންގެ ފެކްޝަންގެ ބައްދަލުވުމަށް ވަޑައެއް ނުގަންނަވަ އެވެ. ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޔުމްނާ މައުމޫން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ޕީޕީއެމްގެ ކައުންސިލްގައި ތިއްބަވަ އެވެ.
މައުމޫންގެ ބޭފުޅުންގެ ތެރެއިން، ރައީސް ޔާމީންގެ ސަރުކާރުގެ މަތީ މަގާމެއްގައި މިވަގުތު ހުންނެވި ހަމައެކަނި ބޭފުޅަކީ ވެސް މައުމޫންގެ ހަގު ދަރިކަލުން ޣައްސާނެވެ. ދުންޔާ އާއި ޔުމްނާ ތަފާތު ސަބަބުތައް މެދުވެރި ކުރައްވައި ސަރުކާރުން އިސްތިއުފާ ދެއްވި ނަމަވެސް ޣައްސާންގެ ފަރާތުން މިހާތަނަށް އެފަދަ ކަމެއް ނުފެނެ އެވެ.
ޣައްސާން ފިޔަވައި، މައުމޫންގެ އަނެއް ތިން ބޭފުޅުން ގެންދަވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި ނިންމުންތަކަށް ފާޅުގައި ފާޑުވިދާޅުވަމުންނެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ފަޅާއަރުވާލުމަށް، އަލް ޖަޒީރާ އިން ތައްޔާރުކުރި "ސްޓީލިން ޕެރެޑައިސް" ޑޮކިއުމެންޓްރީގައިވާ ގޮތުން، ރާއްޖެ މެދުވެރިކޮށް ހިންގަން އުޅުނު ކަމަށް ބުނާ މަނީ ލޯންޑްރިން ސްކީމެއްގައި ޣައްސާނު ބައިވެރިވެވަޑައިގަންނަވަ އެވެ. އެކަމަކު، އެކަމުގައި އޭނާގެ ބައިވެރިވުން އޮތް މިންވަރު ހާމަކޮށްފައެއް ނުވެ އެވެ.
މި ތުހުމަތު ޣައްސާން ވަނީ ދޮގުކުރައްވައިފަ އެވެ.