16 އޮކްޓޯބަރ 2016 - 22:20

ވެރިކަން ކުރާ ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީނާ ކޯޓުން މިއަދު ހަވާލުކުރުމުން ރާއްޖޭގެ ޑިމޮކްރެސީ ފުނޑުފުނޑުވެދާނެ ކަމުގެ ބިރު ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށް ބުނެ އެމެރިކާ އިން މިރޭ ފާޑުކިޔައިފި އެވެ.
ވަރަށް ބޮޑެތި މައްސަލަތަކުގައި ނޫނީ އާއްމުކޮށް ބަސް ވިދާޅު ނުވާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ނިޝާ ބިސްވާލް ޓުވިޓާގައި ސިފަކުރެއްވި ގޮތުގައި މިއަދު ފެނިގެން ދިޔައީ އިދިކޮޅު ސިޔާސީ ފަރާތްތަކާ ދެކޮޅަށް އެޅި ފިޔަވަޅެކެވެ.
"... އޭގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެސީ ފުނޑުފުނޑުވެދާނެ ކަމުގެ ބިރު ކުރިއަށް ވުރެ ބޮޑުވެފައިވާތީ އެމެރިކާ އިން ކަންބޮޑުވޭ،" ޑިސެމްބަރު 2014 ގައި ރާއްޖެ ވެސް ވަޑައިގެންފައިވާ ބިސްވާލް ވިދާޅުވި އެވެ.
އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ވެސް ވަނީ އެ ހުކުމާ ގުޅޭ ގޮތުން ނުސީދާކޮށް ފާޑު ވިދާޅުވެފަ އެވެ. އޭނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިނަ ޕާޓީތަކަށް ހަރަކާތްތެރިވެވޭ ވަރުގަދަ ޑިމޮކްރެޓިކް ނިޒާމެއް ރާއްޖޭގައި ގާއިމުވެފައި އޮތުމާ އެކު އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދިނުމާއި ޝަރުއީ ނިޒާމުގެ މިނިވަންކަން ކަށަވަރު ކުރުމަށް "ރާއްޖޭގައި ތިބި ގިނަ ބަޔަކު" ކުރާ އުއްމީދު އޭނާ ވެސް ހިއްސާ ކުރައްވާ ކަމަށެވެ.
ރައީސް ޔާމީނާއި އެ މަނިކުފާނުގެ ބޭބޭފުޅު، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދިފައިވާ ބޮޑު މައްސަލަގަނޑުގެ ތެެރެއިން ރައީސް ޔާމީނަށް ތާއީދު ކުރައްވާ ދެ ބޭފުޅަކު ހުށަހެޅުއްވި މަައްސަލައިގައި ސިވިލް ކޯޓުން ވަނީ ޕާޓީ ހިންގުމާ އެ ޕާޓީގެ މުސްތަޝާރު ހަވާލުވެ ވަޑައިގަތުމަށް އަމުރުކޮށްފަ އެވެ. އަދި މިއަދުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލްގެ ރަސްމީ ޖަލްސާއެއް ބާއްވައި ޕާޓީ ހިންގާނެ ގޮތެއް ކަނޑައަޅަން ވެސް ޕީޕީއެމްގެ މުސްތަޝާރުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ މުސްތަޝާރަކީ އެ ޕާޓީގެ ފަރާތުން އެ އިރަކު ވެރިކަމުގައި ހުންނަވާ ބޭފުޅެކެވެ. އެހެންވެ، މިހާރު ޕީޕީއެމްގެ މުސްތަޝާރަކީ ރައީސް ޔާމީނެވެ. އެކަމަކު، އަސާސީ ގަވައިދުގައިވާ ގޮތުން ޕީޕީއެމްގެ މުޝްތަޝާރަކީ ޕާޓީ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫނެވެ.
ކޯޓުގެ ހުކުމް މައުމޫން ފެކްޝަނުން ގަބޫލެއް ނުކުރެ އެވެ. ކޯޓުން ހުކުމް އިއްވިތާ މާ ގިނަ އިރެއް ނުވެ މައުމޫން ވަނީ އެ މަނިކުފާނަށް ތާއީދު ކުރައްވާ ކައުންސިލްގެ ބޭފުޅުން ޕާޓީ އޮފީހަށް އެއްކުރައްވައި ކައުންސިލް ބައްދަލުވުމެއް ބާއްވަވައި ޕާޓީގެ ކައުންސިލަށާއި އެ ނޫން ވެސް ޕާޓީގެ ހިންގުމަށް ކުރިން ގެންނެވި ބަދަލުތައް ފާސްކޮށްފަ އެވެ. އަދި ޕާޓީ ހިންގުމުގައި ސާބިތުކަމާ އެކު ހުންނަވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު، ރައީސް ޔާމީން އިސްވެ ބާއްވަވާ ކައުންސިލް ބައްދަލުވުމެއް މިހާރު ދަރުބާރުގޭގައި ކުރިއަށް އެބަދެ އެވެ.