ވިއްސާރާގައި ގެއްލުންވާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ވިއްސާރާގައި ގެއްލުންވާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބަައެއް ރަށްރަށާއި ގޭގެއަށް ގެއްލުން ވަމުންދާތީ އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ރައްޔިތުންގެ މަޖިިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގިނަ ރަށްރަށަށް ބޮޑެތި ގެއްލުންވެ، ބައެއް ގޭގެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި ކުއްލި މައްސަލާގައިވަނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލަން ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ފަށަންޖެހޭ ކަމަށެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ، ފޭދޫގެ 544 ގެއަކަށް ފެން ވަނުމުގެ ސަބަބުން އެ ގެތަކުގެ ހިިފާ ގެންގުޅޭ ސާމާނަށް ގެއްލުން ވެފައިވާ ކަމަށާއި 66 ގެއެއްގެ 400 އަށް ވުރެ ގިނަ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ޖެހިފައިވާ ކަމަށް އެ މައްސަލާގައިވެ އެވެ. އެއީ ފަހުގެ ތާރީޚެއްގައި އެންމެ ބޮޑަށް ގެއްލުންވި ފަހަރު ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.

މީގެ އިތުރުން މިދުވަސްވަރަކީ އެތައް ބައެއްގެ ވަޒީފާ ގެއްލި، އިތުރު މަސައްކަތެއް ކުރެވެން އޮތް ދުވަސްވަރަކަށް ނުވާތީ ގެއްލުން ލިބިފައިވާ ފަރާތްތަކަށް މާލީ އެހީއެއް އަވަހަށް ދިނުމަށް ގޮވާލާ ކަމަށް އެ މައްސަލާގައިވެ އެވެ. އަދި ވިއްސާރާގައި ލިބޭ ގެއްލުންތައް ކުޑަކުރަން ފަސޭހައިން ވެލި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށާއި ފެން ހިންދާ ނިޒާމު ގާއިމް ކުރުމުގެ ޕްލޭން މަޑުޖައްސާލުމެއް ނެތި ކުރިއަށް ގެންދަން ވެސް އެ މައްސަލާގައި ގޮވާލާފައިވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ބަލައިގަތީ 44 މެމްބަރުންގެ ވޯޓުންނެވެ.

ވިއްސާރާގައި ލިބުނު ގެއްލުންތަކާ ގުޅޭ ކުއްލި މައްސަލައެއް ހުށަހެޅިއިރު، އައްޑޫގެ އިތުރުން އެހެން ގިނަ ރަށްރަށަށް ވެސް ވަނީ ގެއްލުންވެފަ އެވެ. މިދުވަސްވަރު މޫސުން ގޯސްވާތީ އެކަމަށް ސަމާލުވާން ކުރިން އޮތީ އިލްތިމާސްކޮށްފަ އެވެ.