19 މެއި 2020 - 08:50

އިރުފާން ޚާނާ އެކު ހަދަން އުޅުނު ފިލްމެއް އޭނާ މަރުވުމާ ގުޅިގެން ނަހަދަން ނިންމައި، އެ ފިލްމުގެ މަސައްކަތް ޑައިރެކްޓަރު ޓިގްމާންޝޫ ދޫލިއާ ހުއްޓާލައިފި އެވެ.
އެ ފިލްމަކީ ކުރިން އިރުފާނާއި މަނޯޖް ބަޖްޕާއީއާ އެކު ހަދަން އުޅުނު "ބިޗްޅޭ ސަބީ ބާރީ ބާރީ" އެވެ. މިއީ އެކީގައި އުޅޭ ވަރަށް ގާތް ދެ ރައްޓެހިންގެ ވާހަކައަށް ބިނާކޮށް ހަދަން އުޅުނު ފިލްމެކެވެ.
ޓިގްމާންޝޫ ބުނީ އެ ފިލްމަކީ 2011 ގައި ރިލީޒްކުރި ފްރާންސްގެ ފިލްމު ލެސް ލިއޮނައިސް "އަ ގޭންގް ސްޓޯރީ" އަސްލަކަށް ބަލައިގެން ހަދަން އުޅުނު ފިލްމެއް ކަމަށެވެ. އެގޮތުން އިރުފާނާ އެކު، ފިލްމަށް މަނޯޖް ގެންނަން މަސައްކަތްކުރި ނަމަވެސް ކަންތައް ދިމާވި ގޮތުން އޭނާ ފިލްމަށް ގެނެވޭ ގޮތެއް ނުވި ކަމަށް ބުންޏެވެ.
"ދެން ނިންމީ އަހަންނާއި އިރުފާން ފިލްމުގައި މަސައްކަތްކުރާ ގޮތަށް. އަދި ފިލްމަށް ތައްޔާރުވުމުގެ ގޮތުން އަހަރެން ގާތްގަނޑަކަށް ފަނަރަ ކިލޯ ވެސް ލުއިކުރިން،" ޓިގްމާންޝޫ ބުންޏެވެ. "ފިލްމުގެ ނަން ވެސް ފަހުން ޔާރާ އަށް ބަދަލުކުރިން."
އޭނާ ބުނި ގޮތުގައި އިރުފާން މަރުވެފައިވާތީ ދެން އެ ފިލްމުގެ ހެދުމުގެ ވިސްނުމެއް ނެތެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އިރުފާން މަރުވީ މިދިޔަ މަހުގެ 29 ގަ އެވެ.
ޓިގްމާންޝޫ ވަނީ އިރުފާނާ އެކު ކާމިޔާބު ފިލްމުތަކެއް ގެނެސްދީ ހުނަރުވެރި އެކްޓަރަށް ނެޝަނަލް އެވޯޑް ވެސް ހޯދައި ދީފަ އެވެ. އެއީ 2010 ގެ "ޕާން ސިންގް ތޯމަރް" އިންނެވެ.
ޓިގްމާންޝޫއާ އެކު އިރުފާން މަސައްކަތްކުރި އަނެއް ފިލްމަކީ "ހާސިލް" އެވެ.
އިރުފާން އެންމެ ފަހުން ކުޅުނު ފިލްމަކީ މާޗް މަހު ރިލީޒްކުރި "އަނގްރޭޒީ މީޑިއަމް" އެވެ،