19 މެއި 2020 - 08:41

ކޮރޯނާވައިރަހާ ހެދި މި އަހަރަކީ އެތައް ބައެއްގެ ޕްލޭންތައް ފެނަށް ދިޔަ އަހަރެކެވެ. މިއީ މާލީ ގޮތުން ވެސް ބޮޑު ވަޅުގަނޑަކަށް އެތައް ބަޔަކު ވައްޓައިލި ބޮޑު ބަލިމަޑުމަކެވެ. މިކަމުން އަރައިގަނެވޭނެ އިރެއް ނޭނގެ އެވެ. އާންމު ހާލަތަކަށް ރުޖޫއަށްވެވޭނެ އިރެއް ވެސް ނޭނގެ އެވެ.
ކުޑަކުޑަ ފިލްމު އިންޑަސްޓްރީއެއް އޮތް ރާއްޖޭގެ ސިނަމާ އަށް ވެސް މި ވަނީ ބޮޑު ފަޅުކަމެއް އައިސްފަ އެވެ. މި އަހަރު އަޅުވަން ޕްލޭންކޮށްފައި ހުރި ފިލްމުތަކެއް އެބަހުއްޓެވެ. އެކަމަކު މި އަހަރުގެ ބާކީ މިއޮތް މުއްދަތަކީ އެއްވެސް ފިލްމެއް އޮލިމްޕަސް ސިނަމާގައި އެޅުވޭނެ އަހަރަކަށް ވާނެ ކަމެއް ނޭނގެ އެވެ. ކޮވިޑް-19ގެ ސަބަބުން ފިލްމީ ދާއިރާ އަށް މި އަހަރު ލިބުނު އެއް ދެރަ އަކީ އެޕްރީލްގައި ބާއްވަން އުޅުނު އެމްއެފްއޭ ފިލްމު އެވޯޑްސް ވެސް ކެންސަލްކުރުމެވެ.
ކޮރޯނާވައިރަހުގެ ކަންތައްގަނޑު ބޮޑުވީ އޮލިމްޕަހުގައި މި އަހަރުގެ ފުރަތަމަ ފިލްމު "އަނދިރިކަން" މާޗް މަހުގެ 4 ގައި އެޅުވިތާ ހަތަރު ވަރަކަށް ދުވަސް ފަހުންނެވެ. އެއާ އެކު ޖެހުނީ އޮލިމްޕަސް ބަންދުކޮށް، ފިލްމު ދެއްކުން ވަގުތީ ގޮތުން ހުއްޓައިލާށެވެ. އޭގެ ފަހުން މިހާރު ހަތަރު މަހެއްހާ ދުވަސްވީ އެވެ.
މާލެ އޮތީ ލޮކްޑައުންގަ އެވެ. އާންމުންނަށް ވަރަށް ޒަރޫރީ ކަމެއްގައި ނޫނީ ބޭރަށް ނުކުމެވޭނެ އެއްވެސް ގޮތެއް ނެތެވެ. މި ހާލަތު ދިގުދެމިގެންދާނެ މުއްދަތެއް ނޭނގެ އެވެ. އެހެންވެ އަލުން އޮލިމްޕަސް ސިނަމާ ހުޅުވުމަކީ ވެސް މި ވަގުތަށް އުންމީދު ކުރެވެން ނެތް ކަމެކެވެ. މިކަމުގެ ގެއްލުން މުޅި ފިލްމީ ދާއިރާއަށާއި މި އަހަރު ފިލްމު އަޅުވަން ރާވައިގެން ތިބި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނަށް ވެސް ވާނެ އެވެ.
އޮލިމްޕަސް ބަންދުކުރީ "އަނދިރިކަން" ގެ ފަހުން އެޕްރީލް 2 ގައި މަދޮށިޕްގެ "ފަރީ" ވެސް އަޅުވަން ތާވަލުކޮށްފައި ވަނިކޮށެވެ. އެކަމަކު ކޮރޯނާވައިރަހާ އެކު އެ ފިލްމު އެޅުވުމުގެ ކަންކަން ވެސް ހުއްޓާލީ އެވެ.
މި އަހަރު އަޅުވަން ރާވައިގެން ތިބި ފިލްމުތަކުގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ "ކޮސް ގިނަ މިސްޓޭކް" އާއި ނިއުމާ މުހައްމަދުގެ "ކަޅަކި" އާއި އަލީ ސީޒަންގެ "ލޯބިވެވިއްޖެ" އާއި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ނޮވެމްބާ" އާއި އަހުމަދު ނިމާލުގެ "ހެހެސް" އާއި އަހުމަދު ޒަރީރުގެ "މަރްޔަމް" އާއި ޑާކް ރެއިންގެ "ބަޅިނދު" އަދި އިލްޔާސް ވަހީދުގެ "ނީނާ" ފަދަ ފިލްމުތައް ހިމެނެ އެވެ.
މި ފިލްމުތަކުގެ ތެރެއިން މިހާތަނަށް ތާރީހު އިއުލާންކޮށްފައި އޮތް ފިލްމަކީ ޑާކް ރެއިންގެ "ނޮވެމްބާ" އެވެ. އެއީ ޖުލައި 6 ގަ އެވެ. ފިލްމީ މަސައްކަތްތައް މެދުކަނޑާލަން ޖެހުނު އިރު، އެ ސްޓޫޑިއޯ އިން ގެންދިޔައީ އެ ފިލްމުގެ ބައެއް ޕްރޮމޯޝަނަލް ކަންކަން ވެސް ސޯޝަލް މީޑިއާގައި ހިންގަމުންނެވެ.
ނަމަވެސް ކޮރޯނާވައިރަހުގެ ހިޔަނި މުޅި ފިލްމު އިންޑަސްޓްރީ އަށް އެޅި، މި އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި އެއްވެސް ފިލްމެއް ރިލީޒްކުރުމުގެ ފުރުސަތު ލިބޭނެތޯ އެއީ ކަށަވަރުނުވާ ކަމެކެވެ. ޔަގީނުން ވެސް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން އަދި އުންމީދު ގެއްލުވައެއް ނުލާނެ އެވެ.
ނަމަވެސް އަނެއް ސުވާލަކީ ކުރިއެކޭ އެއްގޮތަށް މީހުން ފިލްމު ބަލަން ސިނަމާ އަށް ވަންނާނެތޯ އެވެ؟ ސިނަމާ އަލުން ހުޅުވިޔަސް، ކުރީގެ އިންތިޒާމުތަކާ އެއްގޮތަކަށް ދެނެއް އަމަލެއްނުކުރާނެ އެވެ. އެއް ކަމަކީ ރައްކާތެރިކަމުގެ ގޮތުން ސިނަމާތަކުގައި ހާއްސަ ފިޔަވަޅުތަކެއް އެޅިފައި ހުންނަން ޖެހުމެވެ.
ހާއްސަކޮށް ސޯޝަލް ޑިސްޓޭންސިން އަކީ ސިނަމާތަކުގައި ކަށަވަރުކުރަން ޖެހޭނެ ކަމެކެވެ. މިއާ އެކު ވިޔަފާރި އަށް ވެސް ބޮޑު ބަދަލެއް އަންނާނެ އެވެ. ސިނަމާތަކުގައި ސޯޝަލް ޑިސްޓޭންސިން އަށް އަމަލުކުރަން ޖެހުމަކީ ޝޯތަކަށް ވައްދާ މީހުންގެ އަދަދު ކުރިއަށް ވުރެ މަދުވާނެ ކަމެކެވެ. ސިނަމާތަކަކީ ވަރަށް ގާތްގާތްތުގައި ގޮނޑިތައް އަތުރާފައި ހުންނަ ތަަނަކަށްވުމާ އެކު، ވަކި ދުރުމިނެއް ކުރިއަށް އޮތް ތަނުގައި ދަމަހައްޓަން ޖެހޭނެ އެވެ.
ރާއްޖޭން ކޮވިޑް-19 އިން ރައްކާތެރިވެ ތިބެން ދެން އިއުލާންކުރާ "ނިއު ނޯމަލް" ގެ ތެރެއިން ސިނަމާގެ ގައިޑްލައިންތަކެއް ވެސް އަންނާނެ ކަމަށް ގަބޫލުކުރެވެ އެވެ. އެއާ އެކު އުންމީދަކީ ވީހާ ވެސް އަވަހަކަށް ސިނަމާ ހުޅުވި ފިލްމުތައް ދައްކަން ފެށުމެވެ.