19 މެއި 2020 - 08:47

ދެހާސް އަށް ވަނަ އަހަރު ރިލީޒްކުރި ޑައިރެކްޓަރު މަދޫރް ބަންޑާކަރްގެ ކާމިޔާބު ފިލްމު "ފެޝަން 2" ގެ ދެވަނަ ބަޔަކަށް ވަރަށް ބޮޑަށް އުންމީދުކުރެވޭ ކަމަށް އެ ފިލްމުގެ މުހިއްމު ރޯލެއް ކުޅުނު އެކްޓަރު އަރްޖަން ބަޖްވާ ބުނެފި އެވެ.
ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ފިލްމުގެ ދެވަނަ ބައެއް ހަދަން މަދޫރް ގާތުގައި ވަރަށް ގިނައިން ކިޔާފައިވާ ކަމަށެވެ.
"އަހަރެން އެކަންޏެއް ނޫން. ފިލްމުގެ ބައެއް ބަތަލާ އިން ވެސް އެބަހުރި މި ވާހަކަ ދައްކާފައި. މަދޫރު ކުރިން ބުނެފައި ވެސް އެބައޮތް ސްޓޯރީލައިނަކާ ދޭތެރޭ ސީރިއަސްކޮށް ވިސްނާ ހިސާބުން އުފާވެރި ޚަބަރެއް ދޭނަމޭ،" އާންމުކޮށް ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެންނަ އަރްޖަން ބުންޏެވެ. "އަހަރެން އިންތިޒާރުކޮށްގެން މި ހުންނަނީ މަދޫރު ފެޝަންގެ ދެވަނަ ބައިގެ ވާހަކަ ދައްކާނެ އިރަކަށް."
"ފެޝަން" އަކީ އިންޑިއާގެ ފެޝަން އިންޑަސްޓްރީގެ އަނދިރި ފަރާތް ދައްކުވައިދީ، މޮޑެލުން އުޅެން ޖެހޭ ހާލު ތިލަކޮށްދިން ފިލްމެކެވެ. މީގެ މުހިއްމު ރޯލްތައް ކުޅުނީ ޕްރިޔަންކާ ޗޯޕްޅާ އާއި ކަންގަނާ ރަނާވަތެވެ. އަދި އެ ފިލްމުން ދެ ތަރިން ވަނީ ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފަ އެވެ.
"ފެޝަން" ގައި ކަންގަނާ ކުޅުނު، މަސްތުވާތަކެއްޗަށް ދެވިހިފައި އަމިއްލަ ދިރިއުޅުން ބަރުބާދުވާ ސުޕަމޮޑެލްގެ ރޯލުން އޭނާ އަށް ލިބުނީ އެންމެ މޮޅު ސަޕޯޓިން ބަތަލާގެ ނެޝަނަލް އެވޯޑެވެ. ޕްރިޔަންކާ ކުޅުނީ މޮޑެލްއަކަށްވުމުގެ ހުވަފެން ހަގީގަތަކަށް ހަދައި، މަޝްހޫރު ސުޕަމޮޑެލްއަކަށް ބަދަލުވާ އަންހެނެއްގެ ރޯލެވެ. އެ ރޯލުން އޭނާ އަށް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނެވެ.
އަރްޖަން ބުނިގޮތުގައި "ފެޝަން" އަކީ އަދިވެސް ވަރަށް ޝައުގުވެރިކޮށް ކުރިއަށް ގެންދެވިދާނެ ވާހަކައަކަށްވާތީ، ޕްރިޔަންކާ ވެސް ފިލްމަށް އެއްބަސްވާނެކަމާ ދޭތެރޭ ޝައްކެއް ނެތެވެ. އަދި ފިލްމުގެ ދެވަނަ ބައެއް ހަދަން އެންމެ ގިނައިން މަދޫރު ކައިރީ އެދުނު އެކަކީ ވެސް ޕްރިޔަންކާ ކަމަށް ބުންޏެވެ.
"ފެޝަން" ރިލީޒްކުރިތާ 2018 އަށް 10 އަހަރު ފުރުމާ ދިމާކޮށް މަދޫރް އޭގެ ސީކްއެލްއެއް ހަދައިފާނެކަމުގެ އިޝާރާތެއް ވެސް ދީފައިވެ އެވެ. އެކަމަކު ފަހުން އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
"ޗާންދުނީ ބާ" އާއި "ހިރޮއިން" އާއި "ކޯޕަރޭޓް" އަދި "ޕޭޖް 3" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2017 ގެ "އިންދޫ ސަރުކާރު" އެވެ.
އަދި މިދިޔަ އަހަރު "އިންސްޕެކްޓާ ގާލިބް" ކިޔާ ފިލްމެއް ހަދަން އިއުލާންކުރި ނަމަވެސް އޭގެ އެއްވެސް މަސައްކަތެއް ވެސް މިހާތަނަށް ފަށައިފައެއް ނުވެ އެވެ.