ދާދުގެ އެނބުރި އައުން މުހިއްމު ގޯލަކުން ފާހަގަކޮށްފި
ދާދުގެ އެނބުރި އައުން މުހިއްމު ގޯލަކުން ފާހަގަކޮށްފި

ގައުމީ ފުޓްބޯޅަ ޓީމާއި ބަންގްލަދޭޝް މިދިޔަ މަހުގެ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ކޮނޑުހުޅަށް ސީރިއަސް ހާނިއްކައެއް ކުރިމަތިވި ޓީސީ ސްޕޯޓްސް ކްލަބުގެ އުއްމީދީ ފޯވާޑް ނާއިޒް ހަސަން (ދާދު) އަނިޔާ އިން ސަލާމަތްވެ އެނބުރި އައުން، މުހިއްމު ލަނޑަކުން މިއަދު ފާހަގަކޮށްފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޗެމްޕިއަން މާޒިޔާ އަތުން ފަހަތުން އަރައި 4-3 އިން ޓީސީ މޮޅުވި މެޗުގެ 80 ވަނަ މިނެޓުގައި ކުޅެން އެރި ދާދު ވަނީ، އެރިތާ މިނެޓެއްގެ ތެރޭގައި ލަނޑު ޖަހައި ނަތީޖާ 3-3 އަށް ބަދަލުކޮށްފަ އެވެ. އޭރިއާ ތެރެއިން ދާދު އަށް ލިބުނު ބޯޅަ އޭނާ ވަނީ އިތުބާރާ އެކު ގޯލަށް ވައްދާލައިފަ އެވެ.

ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން އިއްޔެ ކްލަބް އީގަލްސް އަތުން ޕެނަލްޓީ ޖަހައިގެން ޓީށީ ބަލިވި މެޗުގެ ސްކޮޑުގައި ދާދު ހިމެނި ނަމަވެސް އޭނާ ކުޅެން ނާރަ އެވެ. މިއަދުގެ މެޗުގެ ފަހު 10 މިނެޓުގައި ދާދު ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ދާދުގެ ކޮނޑުހުޅަށް އަނިޔާވީ މިދިޔަ މަހުގެ 2 ވަނަ ދުވަހުގެރޭ ބަންގްލަދޭޝް އަތުން 5-0 އިން ރާއްޖެ މޮޅުވި މެޗުގަ އެވެ. ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ދާދު ބޯޅަ ހިފައިގެން ދުއްވައިގަތް ވަގުތު ފަހަތުން އައި ބަންގްލަދޭޝްގެ ކުޅުންތެރިޔާ ކުރި ފައުލަކަށް ވެއްޓި ބިންމަތީގައި ޖެހުނީ ކޮނޑުހުޅެވެ.

ރާއްޖޭގެ އެންމެ އުއްމީދީ އެއް ކުޅުންތެރިޔާ ވިދާލީ މިދިޔަ ސީޒަނުގައި ޓީސީންނެވެ. އޭގެ ކުރިން އެ ޓީމު ދެ ވަނަ ޑިވިޝަނުގައި ވާދަކުރިއިރު ވެސް އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ. ދާދު ވަނީ މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް ކޮޅަށް ފަހު ވަގުތު ގޯލް ޖަހައި ރާއްޖެ މޮޅުކޮށްދީފަ އެވެ.