17 މެއި 2020 - 23:53

ކޮވިޑް-19 ނުފެތުރޭ ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުމުގެ ހުއްދަ ދިނުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން މިރޭ ސަރުކާރަށް ގޮވާލައްވައިފި އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ޖަމާއަތުގައި ނަމާދުކުރުން މިދިޔަ މާޗް 18 ވަނަ ދުވަހުން ފެށިގެން މާލޭގައި މެދުކަނޑާލާފައިވާއިރު މިދިޔަ މަހުގެ 19 އިން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލައިފަ އެވެ. އެ ބަލި އަދިވެސް ކޮންޓްރޯލް ނުވާތީ، ޖަމާއަތުގައި ނަމާދު ނުކުރުމުގެ މުއްދަތު މި މަހުގެ 28 ގެ ނިޔަލަށް އިތުރުކުރަން ވެސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ކޮވިޑް-19 ފެތުރުމަށް އެންމެ ބޮޑަށް މަގުފަހިވާ އެއް ކަމަކީ ގިނަ ބަޔަކު އެއްފަހަރާ ތަންތަނަށް ވުމެވެ. އެހެންވެ، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މި ވަގުތަށް ސަރުކާރުން މެދުކަނޑައިލީ އެވެ.
މިކަމާ ގުޅިގެން، އުމަރު މިރޭ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އެ ބަލީގެ އަސަރެއް ނުކުރާ އެތައް ރަށެއް ރާއްޖޭގައި އޮތްއިރު، އެ ރަށްތަކުގައި ޖަމާއަތުގަައި ނަމާދުކުރުމުގެ ހުއްދަ ދޭން ޖެހޭ ކަމަށެވެ.
"އެ ރަށްރަށުގެ މިސްކިތްތަކުގައި އެކަކު އަނެކަކާ ދޭތެރޭގައި ދުރުމިނެއް ބަހައްޓައިގެން ނަމާދުކުރުމުގެ ފުރުސަތު އެ ރަށްރަށުގެ ރައްޔިތުންނަށް ލިބެން ވާނެ،" ކުރު ވީޑިއޯ މެސެޖްގައި އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑު ސަރުކާރަށް މި ގޮވާލަނީ ކޮރޯނާ ވައިރަސްގެ އެއްވެސް އަސަރެއް ނުކުރާ ރާއްޖޭގެ ރަށްރަށުގައި މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ސަރުކާރުން ދިނުމަށް."
ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، މި ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ފަރުޟު ނަމާދު ތަކާއި ސުންނަތް ނަމާދުތައް ކުރުމުގެ ފުރުސަތު ނުލިބުމަކީ އެ ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ. ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ހުރިހާ ރަށެއްގެ މިސްކިތްތައް ބަންދުކޮށްފައި ހުރުމަކީ ރައްޔިތުންނަށް އޭގެ ސަބަބުން އަސަރު ކުރުވާ ކަމެއް ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
"ރޯދަ މަހުގެ ފަހު 10 ގައިވެސް ރާއްޖޭގެ މިސްކިތްތަކުގައި ފަރުޟު ނަމާދާއި ތަރާވީހް ނަމާދާއި ދަމު ނަމާދު ޖަމާއަތުގައި ކުރުން މަނާކޮށްފައި އޮތުމަކީ ރާއްޖޭގައި ތިބި އިސްލާމް ދީނަށް ލޯބިކުރާ އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމެއް،" އިދިކޮޅުގެ ބަޔާނުގައި ބުންޏެވެ.
ކޮވިޑް-19 ގެ އަސަރެއް ނުކުރާ އެތައް ރަށެއް ރާއްޖޭގައި އޮތްއިރު، އެ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެ އެވެ. އެހެންކަމުން ކޮވިޑް-19 ނުފެތުރޭ ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރަށް އެ ކޯލިޝަނުން ގޮވައިލަ އެވެ. އެ ފުރުސަތު ދޭއިރު ރައްޔިތުންގެ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދާފައިވާ ޕީޕީއެމް/ޕީއެންސީން ބުންޏެވެ.
މާލެ ފިޔަވައި ކޮވިޑް-19ގެ މީހުން ފެނިފައިވަނީ ކ. ހިންމަފުޓާއި ނ. މަނަދޫގެ އިތުރުން ހއ. އުލިގަމާއި އެ އަތޮޅު ތަކަންދު އާއި ށ. ނަރުދޫ އާއި ކ. ތުލުސްދޫންނެވެ.
މިސްކިތުގެ ޖަމާއަތުގައި ނަމާދުނުކުރިޔަސް ހުރިހާ މިސްކިތެއްގައި ވެސް ވަގުތަށް ބަންގި ގޮވަ އެވެ. ބަންގި އަށް ފަހު، ގޭގައި ނަމާދު ކުރުމަށް ދިވެހި ބަހުން ގޮވުމަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.