23 ފުލުހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި: ސީޕީ
23 ފުލުހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި: ސީޕީ

ކޮވިޑް-19 އަށް ދިވެހި ފުލުހުންގެ ތެރެއިން 23 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.

ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރަނިކޮށް ޕޮޒިޓިވްވި 23 ފުލުހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އެ 23 ފުލުހުންގެ އިތުރުން އެ މުއައްސަސާގައި މަސައްކަތް ކުރާ 293 މީހަކު ކޮވިޑް-19އާ ގުޅިގެން އައިސޮލޭޓް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ބަލިމަޑުކަމުގައި ޚިދުމަތުގައި ދެމިތިބޭ ތިބި ފުލުހުން މަދުވިޔަ ނުދިނުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ކޮމިޝަނަރު ވިދާޅުވީ ފުލުހުންގެ މެދުގައި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.

"މިއީ ބޮޑު ގޮންޖެހުމެއްކަން އެނގި ތިބެ، ފުލުހުންގެ ތެރޭގައި ކޮވިޑް-19 ފެތުރުން އިތުރަށް މަދުކުރުމަށްޓަކައި އިތުރު ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން އަންނަނީ. ފުލުހުންގެ ފޯސް ނިކަމެތި ނުވެ އޮތުން ވަރަށް މުހިއްމު. ސަރުކާރުގެ މި މަސައްކަތުގައި ބައިވެރިވާ ހިތްވަރުގަދަ އޮފިސަރުންނާއި މުވައްޒަފުންގެ ބުރަ މަސައްކަތަށް ސާބަސްދެން" ސީޕީ ވިދާޅުވި އެވެ.

މީގެ ކުރިން ސިފައިން ވަނީ އެ މުއައްސަސާގެ 40 މީހަކު ބައްޔަށް ޕޮޒިޓިވް ކަމަށް ބުނެފަ އެވެ.

ސިފައިންނާއި ފުލުހުންގެ ތެރެއިން ބަލި ޖެހޭ މީހުންގެ އަދަދު ސަލާމަތީ ސަބަބުތަކަށް ޓަކައި ހާމަ ނުކުރަން އެޗްޕީއޭން ކުރިން ވަނީ ނިންމައިފަ އެވެ. އެތަނުން ބުނިގޮތުގައި ކޮވިޑް-19 އާ ދެކޮޅަށް އިސް ސަފުގައި މަސައްކަތް ކުރާ 199 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.

އޭގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންނާއި ސެކިއުރިޓީ މުވައްޒަފުންނާއި އެކިއެކި ޒަރޫރީ ބޭނުންތަކުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ހިމެނޭ ކަމަށް އެޗްޕީއޭން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ފަށާފައިވާ ބޮޑު އޮޕަރޭޝަންގެ ގާތްގަނޑަކަށް ހުރިހާ ކަމެއްގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެ އެވެ.