16 އޮކްޓޯބަރ 2016 - 19:23

ޝަމްވީލް ގާސިމް (ބޮންޑާ) ފަހު ވަގުތު ވައްދާލި ހިތްގައިމު ލަނޑާ އެކު ޗެމްޕިއަން މާޒިޔާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނައިގައި ޓީސީ ސްޕޯޓްސް ކްލަބުން މަގާމް ވަރުގަދަކޮށްފި އެވެ.

މި މޮޅާ އެކު ޓީސީ ދެ ވަނައިގައި އޮތީ 39 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ކްލަބް އީގަލްސްގެ މައްޗަށް ހަތަރު ޕޮއިންޓުގެ ލީޑެއް ޓީސީ ނަގާފައިވީ ނަމަވެސް މިރޭ ކްލަބް ވެލެންސިއާ އަތުން މޮޅުވެގެން އީގަލްސް އަށް އަނެއްކާ ވެސް އެއް ޕޮއިންޓަށް ތަފާތު ކުޑަކުރެވޭނެ އެވެ. އީގަލްސް އަށް ލިބިފައިވަނީ 35 ޕޮއިންޓެވެ. ބާކީ އެއް މެޗު އޮތްއިރު ޗެމްޕިއަން މާޒިޔާ އަށް ލިބިފައިވަނީ 44 ޕޮއިންޓެވެ.
މިއަދުގެ މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި އަސަދުﷲ އަބްދުﷲގެ ލަނޑުން މާޒިޔާ އިން ލީޑު ނެގި އެވެ. އަދި 38 ވަނަ މިނެޓުގައި މުހައްމަދު އުމެއިރު އެ ޓީމަށް ލީޑު ފުޅާކޮށްދިނެވެ. މާޒިޔާ ދެ ލަނޑުގެ ލީޑަކާ އެކު ފުރަތަމަ ހާފު ނިންމާލުމުން އެ ޓީމުން ހަމަޖެހިލައިގެން މެޗު ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ނަމަވެސް ދެ ވަނަ ހާފުގައި ފެނުނީ ތަފާތު މަންޒަރެކެވެ.
ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ޓީސީ އަށް ތަފާތު ކުޑަވީ މާޒިޔާގެ އަމްދާން އަލީ (އެންޑީ) އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މާޒިޔާގެ އަލީ ފާސިރު (ސެންޓޭ) އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ، ހުސްކޮށް ހުރި ކުޅުންތެރިއަކަށް ޖައްސާލި ބޯޅަ އެންޑީގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ވަނީ ގޯލުގެ މަތީ ކަނަށެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) ގޯލް ޖަހައި މާޒިޔާ އަށް އަނެއްކާ ވެސް ތަފާތު ބޮޑުކޮށްދިނެވެ. އަހުމަދު ނާޝިދު (ނައްޓޭ) އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ ގޯލް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު، ބޯޅަ އާއްކޮ ވައްދާލީ މަތީ ކަނަށެވެ.
ޓީސީން އަނެއްކާ ވެސް ތަފާތު ކުޑަކުރީ 60 ވަނަ މިނެޓުގައި ކެޕްޓަން ބޮންޑާ ޖެހި ގޯލުންނެވެ. މެދުތެރެއިން ކުޅުންތެރިއަކު ބޮންޑާ އަށް ޖައްސާލި ބޯޅަ އޭރިއާ ތެރެއިން ހޯދައި އޭނާ ވަނީ، ދާދި ފަހުން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ގޯލްކީޕަރު އިމްރާން މުހައްމަދުގެ އަތްދަށުން ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.
ދެން ފެނިގެން ދިޔައީ ޓީސީން އެއްވަރުކުރި މަންޒަރެވެ. އެ ޓީމަށް 81 ވަނަ މިނެޓުގައި މި ގޯލް ޖަހައިދިނީ އަނިޔާގެ ސަބަބުން މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު ކުޅެން ނުކުތް ނާއިޒް ހަސަން (ދާދު) އެވެ.
ޓީސީން މާޒިޔާގެ މައްޗަށް ކުރި ހޯދީ 85 ވަނަ މިނެޓުގައި ބޮންޑާ ވައްދާލި ގޯލާ އެކު އެވެ. އޭރިއާ ބޭރުން ބޮންޑާ އަށް ލިބުނު ބޯޅަ ހިފައިގެން އޭނާ އޭރިއާ ތެރެއަށް ވަންނާނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ ވަނީ އިމްރާނަށް އެއްވެސް ފުރުސަތެއް ދިނީ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ. ޗެމްޕިއަން މާޒިޔާގެ މައްޗަށް ހޯދުނު މި ކާމިޔާބީއާ އެކު ޓީސީގެ ކުޅުންތެރިންނާއި ބެންޗުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.