18 މެއި 2020 - 09:05

އަނގައިގެ ސާފުތާހިރުކަން ދަމަހައްޓައި އަނގައިން ނުބައި ވަސް ކަނޑުވަން އާންމުކޮށް ބޭނުންކުރާ މައުތު ވޮޝް އިން އަނގަ ދޮންނަ ނަމަ، އެ މީހެއްގެ ފަރާތުން ކޮރޯނާވައިރަސް ފެތުރުން ކުޑަވެދާނެ ކަމަށް ބެލެވެން ފެށުމާ އެކު އެކަމަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހަކީ އަނގައިން ބޭރުވާ ކުޅުން ވެސް ފެތުރޭ ބައްޔެކެވެ. ނޭވާލާއިރާއި ކެއްސައި ކިނބިއަޅާ އިރު ބޭރުވާ ބުރައިގެންދާ ތިކިތަނުން ވައިރަސް ފެތުރެ އެވެ. އެހެންވެ އަނގައިގެ ސާފުތާހިރުކަން ވަރަށް ބޮޑަށް މުހިންމުވެ އެވެ.
ސައިންޓިފިކް ޖާނަލް "ފަންކްޝަން" ގައި އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން މައުތުވޮޝް އަކީ އަނގައިގެ ތެރޭގައި ހުންނަ ޖަރާސީމުތައް ނައްތަލަން އެހީވާ އެއްޗަކަށް ވާތީ މިއީ ކޮރޯނާވައިރަހުން ވެސް ދިފާއުކޮށްދޭން އެހީއަކަށް ވެދާނެ އެއްޗެކެވެ. އެ ދިރާސާގައި ފާހަގަކޮށްފައި ގޮތުގައި ކަރުތެރެ އާއި މުޅި އަނގަ މައުތުވޮޝް އިން ދޮންނަ ނަމަ ޖަރާސީމުތައް ފަސޭހަ އިން ނައްތައިލަދޭނެ އެވެ. އަދި މިކަމުގެ ސަބަބުން، ކެއްސައި ކިނބިހި އަޅާ އިރު ބޭރުވާ ތިކިތަކުން ވައިރަސް ފެތުރުމުގެ ނުރައްކާ ކުޑަވެދާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެކަމަކު މައުތުވޮޝް ބޭނުންކުރުމަކީ ކޮރޯނާވައިރަހުން ރައްކާތެރިކޮށް ދޭ އެއްޗެއް ކަމަށް ބުނާ ސައިންޓިފިކް އެއްވެސް ހެއްކެއް މި ވަގުތު ހޯދިފައެއް ނެތެވެ. އެހެންވެ މިކަމާ ގުޅޭ ގޮތުން އިތުރު ދިރާސާތަކެއް ހެދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
މައުތުވޮޝް އަކީ އަނގައިގެ ތެރޭގައި އުފެދޭ ބެކްޓީރިއާ އާއި ޖަރާސީމުތައް ނައްތައިލަން އެހީވެދޭ މުހިއްމު މާއްދާތަކެއް ބޭނުންކޮށްގެން އުފައްދާ އެއްޗެކެވެ. އޭގެ ތެރޭގައި އެތަނޯލާއި ޕްރޮވިޑޯން-އައޮޑިންގެ އިތުރުން ސެޓީލްޕްރިޑީނިއަމް ހިމެނެ އެވެ. މައުތުވޮޝް ބޭނުންކުރުމުން ގަޑިއިރުތަކަކަށް އަނގައިން ޖަރާސީމުތައް ނައްތައިލެވެ އެވެ. އެކަމަކު އެއީ ކިހާ ވަގުތަކަށް ކަމެއް އަދި ހޯދިފައެއް ނެތެވެ.
މި ދިރާސާ ހެދުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވި އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވަސިޓީގެ ޕްރޮފެސަރު އަދި އެ ޔުނިވަސިޓީގެ ސިސްޓަމްސް އިމިއުނިޓީ ރިސާޗް އިންސްޓިޓިއުޓްގެ ކޯ-ޑިރެކްޓަރު ވެލެރީ އޯ ޑޮނެލް ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހުން ދިފާއުކޮށް ދޭން އެހީވެދޭނެ އެއްޗެއްގެ ގޮތުގައި މައުތުވޮޝް ބެލެވޭތީ މިކަމާ ގުޅޭ ގޮތުން އިތުރު ހޯދުންތަކެއް ވީހާ ވެސް އަވަހަކަށް ހޯދުން މުހިއްމެވެ.
"އަދި މިހާތަނަށް ކޮރޯނާވައިރަހާ ދެކޮޅަށް މައުތުވޮޝް ރަސްމީ ހައިސިއްތަކުން ޓެސްޓްކޮށްފައެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ. "އެކަމަކު މިކަހަލަ ވަގުތެއްގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މައުތުވޮޝް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް."
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް މިދިޔަ ފެބްރުއަރީ މަހު ފޭސްބުކްގައި ބުނެފައި ވަނީ މައުތުވޮޝް ބޭނުންކުރުމުން ކޮރޯނާވައިރަހުން ރައްކާތެރިކޮށްދޭ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.
"އެކަމަކު އޭގެ މާނައެެއް ނޫން އެއީ އިންފެކްޝަންތަކުން ރައްކާތެރިކޮށްދޭ އެއްޗެއް ނޫނޭ،" އެ ޖަމިއްޔާގެ ތަރުޖަމާނު ވިދާޅުވެފައިވެ އެވެ. "ބައެއް ބްރޭންޑްތަކުގެ މައުތުވޮޝް އަކީ ބައެއް ކަހަލަ މައިކްރޯބްތަކާ ދެކޮޅަށް ވަރަށް ރަނގަޅަށް މަސައްކަތްކުރާ އެއްޗެހި. މީގައި ވަރަށް މުހިއްމު ކަމެއް ޑަބްލިއުއެޗްއޯ އިން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުން."