17 އޮކްޓޯބަރ 2016 - 06:16

އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ބޯޕާލްގެ ކަޓްނީ ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން އެ ހިސާބުގަނޑުގައި ދިރިއުޅޭ މީހުންނަށް ޕާސްޕޯޓް ދޫކުރުމުގައި މުޅިން އާ ގަވާއިދަކަށް އަމަލުކުރަން ފަށައިފި އެވެ.
ޕާސްޕޯޓަށް އެދި ހުށަހަޅާ މީހުންގެ ގޭގައި ފާޚާނާ ހުރިކަން ޔަގީންކޮށްދޭން ޖެހެ އެވެ. ޕާސްޕޯޓް ހޯދަން ޕޮލިސް ވެރިފިކޭޝަން ލިބެނީ ގޭގައި ފާޚާނާ ހުންނަ މީހުންނަށެވެ.
މިއީ އިންޑިޔާ ސާފުކޮށް ބޭއްވުމަށް ހިންގާ ސްވަޗް ބާރަތު މިޝަންގެ އަމާޒެކެވެ.
ޕާސްޕޯޓަށް އެދޭ މީހުންނަށް ގޭގައި ފާޚާނާ ހުރިކަން ޔަގީންކުރެވޭ ކަހަލަ ލިޔުމެއް ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. މިއީ އެ ހިސާބުގަނޑުގައި ވެރިންގެ ގޮތުގައި ތިބޭ ޕަންޗާޔަތު އޮފިސަރު ނުވަތަ މުނިސިޕަލް އޮފިސަރުގެ އޮފީހުން ދޭ ލިއުމެކެވެ.
މިހިސާބުގަނޑުގައި މި ގަވާއިދު ހަދަން މަޖްބޫރުވީ މަގުމައްޗަށް ބޮޑުކަމުދިއުން އާއްމުވުމުގެ ސަބަބުންނެވެ.
މި ލިޔުން ދޫކުރާ ޑީޕާޓްމަންޓުން ބުނި ގޮތުގައި 18-2017 ނިމޭއިރު އެ ސަރަހައްދުގައި 55 ލައްކަ ފާޚާނާ އިމާރަތްކުރުމަކީ މިހާރު އެމީހުންގެ އަމާޒެވެ. އަދި 2019 ނިމޭއިރު މުޅި އެ ސްޓޭޓްގެ ހުރިހާ ގެއެއްގައި ފާޚާނާ ބަހައްޓާ ނިންމާލެވޭނެކަމަށް އެމީހުން އުންމީދު ކުރެ އެވެ.
އިންޑިޔާގެ ކަރްގޯނޭ ޑިސްޓްރިކްޓްގެ އޮފިޝަލުން އެ ހިސާބުގަނޑުގައި ހުންނަ ސަރުކާރު ސްކޫލުގައި މިފަދަ ކެމްޕެއިނެއް ފަށާފައިވެ އެވެ. މި ސްކޫލްގައި އަލަށް ހެދި ގަވާއިދުގެ ދަށުން ކޮންމެ ކްލާހެއްގައި ވެސް ހާޒިރީ ގޮވުމުން އެ ކުއްޖަކު ތެދުވެ "ޔެސް މިސް" ނޫނީ "ޕްރެޒެންޓް ސާ" ފަދަ އެއްޗެއް ބުނުމުގެ ބަދަލުގައި ބުނަން ޖެހޭނީ "ޓޮއިލެޓް ހޭ" އެވެ. މާނައަކީ ގޭގައި ފާޚާނާ އެބަހުއްޓޭ އެވެ.