17 މެއި 2020 - 14:37

ތެލް އަވީވް (މެއި 17) - އިޒްރޭލުގައި ހުންނަ ޗައިނާ ސަފީރު ޑޫ ވެއި އަވަހާރަވެފައި އޮއްވާ ފެނިއްޖެ އެވެ.
އިޒްރޭލް ފުލުހުން ބުނީ ޑޫ އަވަހާރަވެފައި އޮއްވާ ފެނުނީ ތެލް އަވީވުގައި ހުންނަ ސަފީރުގެ އެޕާޓްމަންޓުން ކަމަށެވެ. ޑޫ، 57، އަވަހާރަވެފައި އޮތީ އެނދުގަ އެވެ. ސަފީރު އަވަހާރަވި ސަބަބެއް އަދި ނޭނގެ އެވެ.
ޔޫކްރޭނަށް ކަނޑައަޅާފައި ހުންނަ ޗައިނާ ސަފީރުގެ މަގާމު ކުރިން އަދާކުރެއްވި ޑޫ އިޒްރޭލުގެ ސަފީރުގެ މަގާމަށް ހަމަަޖައްސާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. ކައިވެންޏެއް ކުރައްވައި ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފައިވާ ސަފީރުގެ އާއިލާ ދިރިއުޅުއްވަނީ އިޒްރޭލުގައި ނޫން ކަމަށްވެ އެވެ.
ނަން ހާމަކުރަން ނޭދޭ ސިއްހީ އޮފިޝަލުންނާ ހަވާލާދީ އިޒްރޭލުގެ ޗެނަލް 12 އިން ބުނީ ސަފީރު އަވަހާރަވި ކަމަށް ބެލެވެނީ އަވަހާރަފުޅުގައި އޮންނަ ވަނިކޮށް ކަމަށެވެ.
އިޒްރޭލުގައި ހުންނަ ޗައިނާ އެމްބަސީން ހުކުރު ދުވަހު ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިޕް ޕޮމްޕެއޯ އަށް ފާޑުކިޔައި ބަޔާނެއް ނެރެފަ އެވެ. ދާދި ފަހުން އިޒްރޭލަށް ވަޑައިގެންނެވި ޕޮމްޕެއޯ ގެންދަވަނީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި ޗައިނާ އިން އަމަލުކުރި ގޮތަށް ފާޑު ވިދާޅުވަމުންނެވެ.