ކޮވިޑް-19: އިތުރު 56 ކޭސް، ޖުމްލަ 1،513 އަށް
ކޮވިޑް-19: އިތުރު 56 ކޭސް، ޖުމްލަ 1،513 އަށް

ދިވެހިންގެ 18 މީހަކާއި ބިދޭސީންގެ 38 މީހަކު ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވެ ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 1،513 އަށް އަރައިފި އެވެ.

އަލަށް ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލާދޭޝް 35 މީހަކާއި އިންޑިއާގެ ތިން މީހެކެވެ. މިއީ އިއްޔެގެ މެންދުރު ފަހު 2:45 އިން ފެށިގެން މިރޭ 10:00 އާ ހަމަ އަށް އިތުރުވި ކޭސްތަކެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 242 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި ފަސް މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތެރެއިން 20 މީހަކު ފިޔަވައި އެންމެންނަކީ ވެސް ރާއްޖޭގައި އެ ބަލި ޖެހުނު މީހުންނެވެ. އެހެން މީހުންނަކީ ރާއްޖޭން ބޭރުން އައި އިރު ބަލި ޖެހިފައި ތިބި ދިވެހިންނާއި ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބައެއް މުވައްޒަފުންނެވެ.

ރާއްޖޭން ކޮވިޑް-19 ފެތުރެން ފެށިތާ 82 ދުވަސް ވެފައި ވާއިރު، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް މިހާރު ވަނީ ލޮކްޑައުން އަށް ލުއި ދީ ބޭރަށް ނުކުމެ އުޅެވޭ ވަގުތު އިތުރުކޮށް ބައެއް ވިޔަފާރިތައް ކުރުމުގައި ވެސް ހުއްދަ ދޭން ފަށައިފަ އެވެ.

ބަލި ފެތުރޭ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމާ އެކު، ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ވެވުނު ތައްޔާރީތަކަށް ބަލައި ލޮކްޑައުނަށް ލުއި ދިން ނަމަވެސް ބައްޔަށް ރައްކާތެރިވެ ސަމާލުވާން ވަނީ އިލްތިމާސްކޮށްފަ އެވެ.