18 މެއި 2020 - 09:40

ބެލުންތެރިންނާ ވަކިވެ ގޮސްފައިވާ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރިޝީ ކަޕޫރާއި ސްރީދޭވީ އަކީ ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދި ދެ ތަރިންނެވެ. މި ދެ ތަރިންގެ ހަނދާންތައް ހިންދީ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ދުވަހަކު ވެސް ނައްތާލެވޭނެހެން ހިއެއް ނުވެ އެވެ.
ކާމިޔާބު އަދި އެހާމެ ރީތި ފިލްމުތަކެއް ސްރީދޭވީ އާއި ރިޝީ އެކީގައި ކުޅެފައިވެ އެވެ.
އުމުރުން 67 އަހަރުގައި ރިޝީ ވަކިވެގެން ދިޔައީ އެޕްރީލް 30، 2020 ގަ އެވެ. އެއީ ލޭގެ ކެންސަރަށް ފަރުވާ ހޯދާތާ ދެ އަހަރެއްހާ ދުވަސްފަހުންނެވެ. ސްރީދޭވީ ވަރަށް ކުއްލި ގޮތަކަށް މަރުވީ ފެބްރުއަރީ 24، 2018 ގައި ދުބާއީގަ އެވެ. އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓް ބުނާގޮތުން މަރުގެ އަސްލަކީ މަސްތުވެގެން ހޮޓަލުގެ ބިލިގާ ތެރޭގައި އޮއްވައި ގެނބުމެވެ. އޭނާ މަރުވި އިރު އުމުރަކީ 55 އަހަރެވެ.
ރިޝީ އާއި ސްރީދޭވީގެ ހަނދާންތައް މި ފަހަރު އާކުރާނީ ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކާ އެކީގަ އެވެ.
މި ފިލްމަކީ ރިޝީ އާއި ސްރީދޭވީ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އަދި މަޝްހޫރު ފިލްމެވެ. ލޯބީގެ ފިލްމުތައް ގެނެސްދިނުމުގައި އަރާހުރި ކުރީގެ ޑައިރެކްޓަރު ޔާޝް ޗޯޕްޅާ 1989 ގައި ގެނެސްދިން "ޗާންދުނީ" އަކީ ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.
މީގައި ކިޔައިދެނީ އާއިލާގެ ނުރުހުމާ އެކު ވެސް ސްރީދޭވީ (ޗާންދުނީ) އާ ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް ރިޝީ (ރޯހިތު) އަޑް ދިމާވާ ކުއްލި އެކްސިޑެންޓެއްގައި ނުކުޅެދޭ މީހަކަށް ބަދަލުވެ، ދެ މީހުންގެ ލޯތްބަށް ކުރިމަތިވާ އިމްތިހާނެވެ.
"ޗާންދުނީ" ގެ ރޯލްތަކުން ވިނޯދު ކަންނާ އަދި ހާއްސަ ފެނިލުމަކުން ޖޫހީ ޗާވްލާ ވެސް ފެނިފައިވެ އެވެ.
މި ފިލްމަކީ އެހާމެ ރީތި ލަވަތަކެއް ވެސް ހިމެނުނު ފިލްމެކެވެ. އޭގެ ތެރޭގައި "އޮ މެރި ޗާންދުނީ" އާއި "މޭރޭ ހާތޯ މޭ" އަދި "ލަގީ އާޖް ސާވަން ކީ" ފާހަގަކޮށްލެވެ އެވެ.
"ނަގީނާ" އަކީ ސްރީދޭވީ ހަރުފައަކަށް ބަދަލުވާ މީހެއްގެ ރޯލް ކުޅުނު ފެންޓަސީ ފިލްމެކެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަކީ 1986 ގައި ހަރްމޭޝް މަލްއުތުރާ ޑައިރެކްޓްކުރި ފިލްމެކެވެ.
"ނާގިނާ" ގައި ކިޔައިދެނީ ކައިވެނިކުރާ ފަހުން، އަނބިމީހާ ރަޖްނީ (ސްރީދޭވީ) އަކީ ހަރުފައަކަށް ބަދަލުވާ އަންހެނެއްކަން ރަޖީވް (ރިޝީ) ގެ އާއިލާ އަށް އެނގުމުން ދިމާވާ ހާދިސާތަކެކެވެ. މީގެ ކާސްޓުންގެ ތެރޭގައި އަމްރިޝް ޕޫރީ އާއި ސުޝްމާ ސޭތާއި ޕްރޭމް ޗޯޕްޅާ ފަދަ ތަރިން ހިމެނެ އެވެ.
"ނާގިނާ" ލަވަތަކުގެ ތެރެއިން "މޭ ތޭރި ދުޝްމަން، ދުޝްމަން ތޫ މޭރާ" އަކީ ވަރަށް މަގުބޫލުވި ލަވައެކެވެ.
މި ފިލްމުގެ ދެވަނަ ބައެއްގެ ގޮތުގައި 1989 ގައި "ނިގާހޭ" ގެނެސްދިން އިރު، ފިލްމުގެ ލީޑް ތަރިންނަކީ ސްރީދޭވީ އާއި ސަނީ ޑިއޯލެވެ. އަދި ރިޝީ ފެނިގެން ދިޔައީ ހާއްސަ ފެނިލުމަކުންނެވެ.
"ބަންޖާރަން" އަކީ ރިޝީ ސްރީދޭވީއާ އެކު 1991 ގައި ހަމަ "ނާގިނާ" ގެ ޑައިރެކްޓަރު ގެނެސްދިން ފިލްމެކެވެ.
މީގެ ކާސްޓުންގެ ތެރޭގައި އަމްރިޝް ޕޫރީ އާއި ރާޒާ މުރާދާއި ކުލްބުޝަން ކަރްބަންދާ ފަދަ ވަރުގަދަ އެކްޓަރުން ހިމެނެ އެވެ.
ރިޝީ އާއި ސްރީދޭވީގެ އިތުރުން އަނިލް ކަޕޫރް 1993 ގައި ކުޅުނު ކޮމެޑީ އެކްޝަން ފިލްމު "ގުރޫދޭވް" އަކީ ވިނޯދް މެހެރާ ޑައިރެކްޓްކުރި ފިލްމެކެވެ.
"ކޯން ސައްޗާ، ކޯން ޖޫޓާ" އަކީ ރިޝީ އާއި ސްރީދޭވީ އެންމެ ފަހުން އެކީގައި ކުޅުނު ފިލްމެވެ. ޕަރުތޯ ގޯޝް 1997 ގައި ގެނެސްދިން މި ފިލްމަކީ ތުރިލާއެކެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި މޯނިޝް ބޭލް، ސުރޭޝް އޮބެރޯއީ، ގުލްޝަން ގްރޯވާ އަދި ޓިނޫ އާނަންދު ފަދަ އެކްޓަރުން ހިމެނެ އެވެ.
މި ފިލްމުތަކުގެ އިތުރަށް ރިޝީ އާއި ސްރީދޭވީ 1991 ގައި "ގަރަންޖާ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރި އެވެ. އެކަމަކު އެ ފިލްމު ރިލީޒެއް ނުވެ އެވެ.