ލެބް ޓެކްނީޝަނުންގެ ކިބައިން މަބްރޫކް މާފަށް އެދިއްޖެ
ލެބް ޓެކްނީޝަނުންގެ ކިބައިން މަބްރޫކް މާފަށް އެދިއްޖެ

ކޮވިޑް-19ގެ ޓެސްޓްތަކާ ގުޅޭ ގޮތުން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ދެއްކެވި ވާހަކައެއްގައި އާ މެޝިންތައް ގެނައުމުން ލެބް ޓެކްޝީނުންގެ ދައުރު ކުޑަވާނެ ކަމަށް ދޭހަވާ ގޮތަށް ދެއްކެވުނު ވާހަކަތަކަށް އޭނާ މިރޭ މާފަށް އެދިވަޑައިގެންފި އެވެ.

ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު އެކަށީގެންވާ ގޮތެއްގައި ބައްޔަށް ޓެސްޓެއް ނުކުރެވެ އެވެ. މި މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި ވަރަށް އަވަހަށް އިތުރު މެޝިންތައް ގެނައުމާ އެކު ލެބް ޓެކްނީޝަނުންގެ ދައުރު ވެސް ކުޑަވާނެ ކަމަށް ދޭހަވާ ގޮތަށް މަބްރޫކް ވަނީ ވާހަކަ ދައްކަވައިފަ އެވެ.

މިކަމާ ގުޅިގެން، ބައެއް ޓެކްނީޝަނުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުންފާޅުކޮށް މަބްރޫލް އެފަދަ ޓެކްނިކަލް ވާހަކަތައް ނުދެއްކެވުމަށް ވެސް ގޮވާލައިފަ އެވެ.

މިކަމަށް މާފަށް އެދިވަޑައިގެން، މަބްރޫކް ވިދާޅުވީ އޭނާ އަކީ ސިއްހީ ދާއިރާގެ ބޭފުޅެއް ނޫން ކަމަށާއި ނަމަވެސް މިކަން ފެށިފަހުން މި ދާއިރާގެ ކަންކަން ބަލައި ހޯދަން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ލިބުނު ދައުވަތަކަށް އައިޖީއެމްއެޗުގެ ލެބޯޓްރީ އަށް ވެސް ގޮސް އެތަނުގައި ޕީސީއާރު ޓެސްޓް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑާ އެކުގައި މިތަނުގައި ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވަނީ އަޅުގަނޑަކީ ޓެކްނިކަލް މީހަކަށް ނުވާތީ އެ ސުވާލުތަކަށް ޖަވާބު ދޭން،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް މިރޭ ވިދާޅުވި ގޮތުގައި ލެބް ޓެކްނީޝަނުންނަކީ ވަކި ޚާއްސަ ތަމްރީންތަކަކާ އެކު މަސައްކަތް ކުރާ ބައެކެވެ. އެހެން ބަޔަކަށް އެކަން ނުކުރެވޭނެ ކަން ފާހަގަކުރައްވައި ކޮވިޑް-19 ގެ ޓެސްޓްތައް ހެދުމުގައި އުޅޭ ޓެކްނީޝަނުންގެ މަސައްކަތް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ކޮންމެ ދުވަހަކު އަރާ މިތާ މި ކިޔަނީ 500 އެއްހާ ރިޒަލްޓް ލިބިއްޖެ އޭ، އަޅުގަނޑުމެންނަށް ނުބުނެވި އޮންނަ ވާހަކަ އަކީ އެކަން ކުރެވެނީ ރެ އާއި ދުވާލު ހުއްޓާނުލާ އެ ބޭފުޅުން [ލެބް ޓެކްނީޝަނުން] ކުރަމުންދާ މަސައްކަތުގެ ވާހަކަ،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަސައްކަތުން ލިބޭ ނަތީޖާގެ ވާހަކަ ދައްކާއިރު މަސައްކަތުގެ ކަވި ކަމާއި ބުރަ ކަމުގެ އިތުރަށް މިކަމުގައި ހުރި ރިސްކުގެ ވާހަކަ ދައްކަން ހަނދާން ނެތޭ ކަމަށެވެ. ޓެކްނީޝަނުން ކުރަނީ ބުރަ މަސައްކަތެއް ކަން ފާހަގަކުރައްވައި އޭނާ ޝުކުރު އަދާކުރެއްވި އެވެ.