16 އޮކްޓޯބަރ 2016 - 18:27

ދިމިޝްގު (އޮކްޓޯބަރު 16) - ތުރުކީ ސިފައިންގެ އެހީތެރިކަމާ އެކު އިދިކޮޅު ހަނގުރާމަވެރިންގެ ހަމަލާތަކެއްގައި ސީރިއާގެ މުހިންމު ރަށެއް ކަމަށްވާ ދާބިގު އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން ހިފައިފި އެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ދާބިގު ހިފީ އައިއެސްގެ ހަނގުރާމަވެރިން އެ ޓައުން ދޫކޮށްލުމުން ކަމަށެވެ. އައިއެސް އިން ވަރަށް މުހިންމުކަން ދޭ ޓައުނެއް ކަމަށްވާ ދާބިގު ހިފައިފައި ވަނީ ތުރުކީގެ މަދަދު ލިބޭ ސީރިއާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ސުލްތާން މުރާދުންނެވެ. މި ޖަމާއަތުގެ ކޮމާންޑަރެއް ކަމަށްވާ އަހުމަދު އުސްމާން ބުނީ ދާބިގު ހިފުމުގެ ތެރޭގައި ކައިރީގައިވާ ކުދި އަވަށްތައް ވެސް އައިއެސްގެ އަތް ދަށުން އަތުލާފައިވާ ކަމަށެވެ.
އޮބްޒަވޭޓަރީން ބުނީ ދާބިގު ދިފާއު ކުރުމުގައި 1،200 ހަނގުރާމަވެރިން ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އަދި އިދިކޮޅު ހަނގުރާމަވެރިންގެ 2،000 މީހުން ވަނީ ދާބިގަށް ހަމަލާދީފައި ކަމަށް ވެސް އޮބްޒަވޭޓަރީން ބުންޏެވެ. ދާބިގު ހިފަން ހަމަލާ ދިން ހަނގުރާމަވެރިންނަށް ދިޔައީ ތުރުކީެ ޓޭންކުތަކާއި ބަރު ހަތިޔާރުގެ އެހީތެރިކަން ދެމުންނެވެ. އަދި ކޯލީޝަނުގެ ބޯޓުތަކުން ދިޔައީ ވައިގެ ހަމަލާތައް ވެސް ދެމުންނެވެ.
ދާބިގު އޮންނަނީ ހަލަބް ސިޓީ އާއި ތުރުކީގެ ސަރަހައްދީ ރޮނގާ ދެމެދު އެވެ. ތުރުކީން އޮގަސްޓް މަހު ވަނީ އެ ގައުމުގެ ސަރަހައްދީ ރޮނގު ކައިރިން އައިއެސް ފައްސާލުމުގެ އޮޕަރޭޝަނެއް ފަށައިފަ އެވެ. އަދި ސެޕްޓެމްބަރު މަހު ތުރުކީގެ ބޮޑު ވަޒީރު ވަނީ ސަރަހައްދީ ރޮނގުގެ ކައިރިން 91 ކިލޯ މީޓަރު ޓެރަރިސްޓުންގެ ކިބައިން ސަލާމަތް ކުރެވިއްޖެ ކަމަށް ވިދާޅުވެފަ އެވެ.
އަނެއްކޮޅުން ސީރިއާގެ ހަލަބް ސިޓީގައި ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންނަށް ރަޝިޔާ އާއި ސީރިއާ ސިފައިންގެ ބޯޓުތަކުން ދަނީ ވައިގެ ހަމަލާތައް ދެމުންނެވެ. ހަމަލާތައް ހުއްޓާލުމުގެ ޑިޕްލޮމެޓިކް މަސައްކަތްތައް ކުރި ނަމަވެސް އަދި ނަތީޖާއެއް ނުފެނެ އެވެ.