16 މެއި 2020 - 17:07

ހއ. އަތޮޅުގައި މިހާރު ކަރަންޓީނު ފެސިލިޓީއެއް ގޮތުގައި ބޭނުން ކުރަމުން އަންނަ އައިލެންޑް ހައިޑަވޭގައި ކަރަންޓީނުކޮށްފައިވާ 15 މީހަކަށާއި އެ ފެސިލިޓީ ބެލެހެއްޓުުމުގައި ހަރަކާތްތެރިވާ މީހުންނަށް ހއ. ދިއްދޫ ރައްޔިތުންގެ ފަރާތުން އިއްޔެ ރޯދަ ވީއްލުމެއް ދީފި އެެވެ.

ދިއްދޫ ރައްޔިތުންގެ ނަމުގައި ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންނަށް ރޯދަ ވީއްލުން ހަދިޔާ ކުރީ ދިއްދޫގެ އެންޖީއޯއެއް ކަމަށްވާ މިޑުލް ސްޕޯޓްސް ކްލަބުންނެވެ. މިޑުލް ސްޕްރޯޓްސް ކްލަބްގެ ރައީސް ނަޝްވާން އިބްރާހީމް މިއަދު ވިދާޅުވީ ރޯދަވީއްލުން ދިނުމުގެ ބޭނުމަކީ ކޮވިޑް-19 ފެތުރޭތީ ކުރިމަތިވެފައިވާ ދަތިކަން ތަހައްމަލް ކުރަމުންދާ ފަރާތްތަކާ އެކު ދިއްދޫ ރައްޔިތުން ވެސް ތިބިކަންް ހާމަކޮށްދިނުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިޑުލް ސްޕޯޓްސް ކްލަބުން ކުރިން ވެސް ވަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަރުހީބު ދިނުމަށް ބަައެއް ހަރަކާތްތައް ހިންގައިފަ އެވެ. އެގޮތުން ހޮސްޕިޓަލްގައި މަސައްކަތް ކުރާ ފަރާތްތަކަށް ފޮތި މާސްކާއި ފްރުޓް ޕެކް ހަދިޔާކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދޮނަކުޅީގައި ކަރަންޓީނުކޮށްފައި ތިބީ އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން ހއ. ހދ. އަދި ށ. އަތޮޅުން ބައްޔަށް ޕޮޒިޓިވް ވި 15 މިހުން. ދެން އެތަން ބަލަހައްޓަން ހަރަކާތްތެރިވާ ފަރާތްތަކާ އެކު އެތަނުގައި 32 މީހުން ތިބި ކަންް އެނގިފައި އޮތީ. އަޅުގަނޑުމެން ބޭނުންވީ އެ ފަރާތްތަކުން ތަހައްމަލުކުރަމުންދާ ދަތިކަމުގައި ބައިވެރިވެ، ދިއްދޫ ރައްޔިތުން ވެސް އެފަރާތްތަކާ އެކު ތިބިކަން ހާމަކޮށްދޭން،" ނަޝްވާން ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭތީ އެ ބައްްޔަށް ޕޮޒިޓިވްވާ މީހުންނާއި މާލެއިން ރަށްރަށަށް ދަތުރުކުރަން ޖެެހުމުގެ ސަބުބުން ކަރަންޓީނު ކުރަން ޖެހޭ މީހުން ބޭތިއްބުމަށް އެކި އަތޮޅުތަކުގައި މިހާރު އަންނަނީ ކަރަންޓީނު ފެސިލިޓީތައް ގާއިމް ކުރަމުންނެވެ.
ރާއްޖެއިން އެބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1000 އަށް ވުރެ މަތިވެފަ އެވެ. އެ ބަލީގައި ހަތަރު މީހަކު މަރުވި އިރު 49 މީހަކު ވަނީ ރަނގަޅުވެފަ އެވެ.