16 މެއި 2020 - 18:39

ޑރ. ނަޒްލާ: މިއަދު މި ފެނުނު 47 ކޭސް، 19 މީހުންނަކީ ދިވެހިން. 22 މީހުންނަކީ ބަންގްލަދޭޝް މީހުން. 14 ކޭސް އެއީ އެކި ކޭސްތަކާ ގުޅުން ހުރި ކޭސްތައް.
ޑރ. އަފްޒަލް: އެއް ކަމަކީ ލޮކްްޑައުން އިން މިންޖުވާއިރު އެ ހިސާބުން ދާނީ ނިއު ނޯމަލް އަށް. އެކަމަށް ޓަކައި އެކި މީސްމީހުން އުލެންވާ ގޮތުގެ ވަރަށް ތަފުސީލުކޮށް އެސްއޯޕީއެއް ހެދެމުން އެބަދޭ. މިސާލަކަށް އެކަކު ގެންގުޅޭ އެއްޗެއް އަނެކަކު ޝެއާ ނުކުރެވޭ ގޮތް އެބަ ހަދަން ޖެހޭ. އަޅުގަނޑުމެން ވަރަށް ބިރުގަންނަ ކަމެއް ލޮކްޑައުން ދޫކޮށްލާއިރަށް ކުރިއެކޭ އެއްގޮތަށް މީހުން އުޅެފާނެތީ. ނިއުނޯމަލްގައި ވެސް ދެތިން މަސް އުޅެން ޖެހިދާނެ ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ.
ޑރ. ނަޒްލާ: ވިހޭތާ އެއް މަސް ނުވާ ކުއްޖަކު ޕޮޒިޓިވް ވެފައި. އެ ކުއްޖާގެ އަލާމާތްތައް ފެނުމާ ގުޅިގެން އެ ކުއްޖާ ޓެސްޓްކުރީ. އެ ކުއްޖާގެ މަންމަ ވެސް ޓެސްޓް ކުރަމުން މިދަނީ.
ޑރ. ނަޒްލާ: އުމުރުން ދުވަސްވީ މީހުންނާއި އެ މީސްމީހުން އުޅޭ ގޭގޭގައި އުޅޭ މީހުންގެ ސާމްޕަލް މިހާރު ނަގަމުން އެބަ ގެންދަން. އުމުރުން ދުވަސްވީ ބައެއް މީހުން އެބަ ބުނޭ ކީއްވެހޭ ތިމަންނަގެ ސާމްޕަލް ނަގަނީ ތިމަންނަ ހުންނަނީ ގޭގައޭ. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އެ އުމުރުން މަތީގެ ގިނަ ބޭފުޅުންގެ މި ބަލި ޖެހިއްޖިއްޔާ ނުރައްކާ ބޮޑު ފަރާތްތަކެއް މި އުމުރުގެ ބޭފުޅުންނަކީ. އެ ބޭފުޅާ ނުކުމެ ވަޑައިނުގަތަސް، ގެއިން އެހެން ބޭފުޅެއްގެ ފަރާތުން ވެސް ބަލި ޖެހުމުގެ ރިސްކް އެބައޮތް. ކުރިން ތިން ދުވަހުގެ ތެރެއިން އެއްވެސް ސާމްޕަލްއެއް ޕޮޒިޓިވްއެއް ނުވޭ. އެކަމަކު ފަހުން ނެގި ސާމްޕަލްތަކުން އެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައި.
ޑރ. ނަޒްލާ: ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ކޮންޓެކްްޓެއް ގޮސްފައިވޭ. އޭގެ ތެރެއިން އެކަކު ހިމެނޭ ގެއެއްގައި ބޭރު މީހަކު ވަނީ ޕޮޒިޓިވްވެފައި. އެހެންވީމަ އެއީ އެތަނަށް ބަލި ދިޔަ ގޮތް ކަމަށް ބެލެވިދާނެ. އެކަމަކު އެކަން އަދި ޔަގީނެއް ނޫން. މީގެ އިތުރުން އެތަން ލޮކްޑައުން ކޮށްފައިވިޔަސް، އެތަނުގެ ބައެއް މުވައްޒަފުން ވެސް ރަށު ތެރެއަށް ގޮސްފައިވޭ. އެ ސެންޓަރުން ތިން ޕޮޒިޓިވް ކޭސް ފެނުމާ އެކު ހިންމަފުއްޓަށް ގޮސް، އެ ރަށުގެ އެކި ތަންތަނުން 156 ސާމްޕަލް ނަގައިގެން މިރޭ ވަނީ ގެނެވިފައި.
ޑރ. ނަޒްލާ: މިހާރު ކޮންޓެކްޓްސްގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައި. ފުރަތަމަ 66 ކޭސްގެ 1868 ކޮންޓެކްޓްސް ވަނީ ފެނިފައި. އޭގެ ޖެހިގެން އައި ހަފުތާގައި 191 ކޭސްގައި 1972 ކޮންޓެކްޓް، އޭގެ ޖެހިގެން އައި ހަފުތާގައި 341 ކޭހުން 1261 ކޮންޓެކްޓްސް ފެނިފައިވޭ. މިދިޔަ ހަފުތާގައި 337 ކޭސް އިން ފެނިފައި ވަނީ 914 ކޮންޓެކްޓްސް.
ޑރ. އަފްޒަލް: ފްރޮންޓްލައިންގައި 199 މީހަކު ވަނީ ޕޮޒިޓިވްވެފައި. މީގެ ތެރޭގައި ހިމެނެނީ ޒަރޫރީ ބޭނުންތައް ފޯރުކޮށްދޭ މީހުން ވެސް ހިމަނައިގެން.
މަބްރޫކް: އިއްޔެ އާއި އޭގެ ކުރީ ދުވަހުގެ ރޭ އަޅުގަނޑަށް ބުނެވިފައި އޮތް ވާހަކައަކާ ގުޅިގެން ލެބޯޓަރީ ޓެކްނީޝަނުން ވަނީ ފާޑު ވިދާޅުވެފައި. އެކަން އަޅުގަނޑު ބަލައިގަންނަން. އެކަމަށް މާފަށް ވެސް އެދެން. ހަގީގަތަކީ އަޅުގަނޑަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހެއް ނޫން. މިތާނގައި އަޅުގަނޑާ އެކު ޑޮކްޓަރުން ބައިވެރިވެ ވަޑައިގަންނަވަނީ ވެސް ޓެކްނިކަލް މައުލޫމާތު ދެއްވަން. އަޅުގަނޑު އައިޖީއެމްއެޗްްގެ ލެބޯޓަރީ އަށް ދިޔައިން މިކަމުގެ ތެރޭގައި ކުރިންް. މިހާރު އައިޖީއެމްއެޗްގެ ޓެކްްނީޝަނުން ކުރައްވަނީ ވަރަށް ބުރަ މަސައްކަތެއް. ހުއްޓާ ނުލައި 24 ގަޑިއިރު މަސައްކަތް އެބަ ކުރައްވާ. މި މަސައްކަތުގެ ކަވިކަމާއި އުނދަގޫކަން އަޅުގަނޑުމެންނަށް ބައެއް ފަހަރު ހަމަ ހަނދާން ނެތޭ. ކިތަންމެ މޮޅު މެޝިނެއް ހުއްޓަސް، އެ ބޭފުޅުން ކުރާ މަސައްކަތުން ނޫނީ ނަތީޖާއެއް ނާންނާނެ.
މަބްރޫކް: މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 59 އަށް އަރާފައި. މި ބަލިން މިއަދު ވަނީ އިތުރު 9 މީހަކު ރަނގަޅުވެފައި.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް އަދި ޑރ. ނަޒްލާ ރަފީގު.
އިތުރު 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 1،078 އަށް އަރައިފި އެވެ.
އެންމެ ފަހުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި ބަންގްލާޝް 22 މީހުންނާއި ނޭޕާލް ދެ މީހުންނާއި އިންޑިއާ ހަތަރު މީހެކެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 535 މީހުންނަކީ ބަންގްލާދޭޝް މީހުންނެވެ. ދިވެހިންގެ އަދަދަކީ 379 އެވެ. އިންޑިއާގެ 103 މީހަކާއި ސްރީ ލަންކާގެ ހަ މީހަކާއި އެހެން ގައުމުތަކުގެ 55 މީހަކަށް ވެސް ރާއްޖޭގައި މި ބަލި ޖެހިފައިވެ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތެރެއިން 20 މީހަކު ފިޔަވައި އެންމެންނަކީ ވެސް ރާއްޖޭގައި އެ ބަލި ޖެހުނު މީހުންނެވެ. އެހެން މީހުންނަކީ ރާއްޖޭން ބޭރުން އައި އިރު ބަލި ޖެހިފައި ތިބި ދިވެހިންނާއި ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބައެއް މުވައްޒަފުންނެވެ.
މިއީ ރާއްޖޭން ކޮވިޑް-19 ފެތުރެން ފެށިތާ 70 ވަނަ ދުވަހެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލޭގައި ބަލި ފެތުރެން ފެށުމާ އެކު މާލެ ސަރަހައްދު ބަންދުކުރިތާ މަސް ދުވަސްވެފައި ވާއިރު މިހާރު ވަނީ އިތުރު 14 ދުވަހަށް ބަންދު އިތުރުކޮށްފަ އެވެ. މި މުއްދަތު ހަމަވާނީ މި މަހު 28 ގަ އެވެ.
މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 49 މީހަކު ރަނގަޅުވެ ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.