ކޮވިޑް-19: އިޓަލީގެ ބޯޑަރު އަންނަ މަހު 3 ގައި ހުޅުވާލަނީ
ކޮވިޑް-19: އިޓަލީގެ ބޯޑަރު އަންނަ މަހު 3 ގައި ހުޅުވާލަނީ

ރޯމް (މެއި 16) - އިޓަލީން ބޭރަށް ދަތުރު ކުރަން ބޭނުންވާ މީހުންނާއި އިޓަލީ އަށް ދާން ބޭނުންވާ މީހުންނަށް އަންނަ މަހު 3 އިން ފެށިގެން އެ ގައުމު ހުޅުވާލަން ނިންމައިފި އެވެ.

އިޓަލީގެ ލޮކްޑައުންގެ ހާލަތަށް ދޫތައް ދޭން ފަށާފައިވާ އިރު ޖޫން 3 އިން ފެށިގެން އެ ގައުމުގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ވެސް ދަތުރު ކުރެވޭނެ އެވެ. މިއީ ދެ މަހަށް ފަހު އިޓަލީގެ އިގްތިސާދު ހުޅުވާލަން އަޅާ މުހިންމު އެއް ފިޔަވަޅެވެ.

ކޮވިޑް-19 ޖެހިގެން އިޓަލީން ގިނަ ބަޔަކު މަރުވި ނަމަވެސް އެ ގައުމުގައި ބަލިޖެހޭ މީހުންގެ އަދަދު މިހާރު ވަނީ ދަށްވާން ފަށައިފަ އެވެ. އިޓަލީން ވަނީ 31,610 މީހުން މަރުވެފަ އެވެ. އިޓަލީ ފިޔަވައި ދެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތުންނެވެ. އިޓަލީން ވަނީ 223,885 މީހުން ޕޮޒިޓިވްވެފަ އެވެ. މީހުން މަރުވާ ރޭޓް ވެސް އިޓަލީން މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މާޗް 27 ވަނަ ދުވަހު އިޓަލީން 900 މީހުން މަރުވި އިރު އިއްޔެ މަރުވެފައި ވަނީ 262 މީހުންނެވެ.

ގައުމުގެ އުތުރުގެ ހިސާބުތަކުން މިދިޔަ ފެބްރުއަރީ މަހު ކޮރޯނާވައިރަހުގެ ކޭސްތައް ފެންނަން ފެށުމުން ޔޫރަޕުން އެންމެ ފުރަތަމަ ލޮކްޑައުން ކުރި ގައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނެ އެވެ. ނަމަވެސް މި މަހު 4 އިން ފެށިގެން ވަނީ ފެކްޓަރީތަކާއި ޕާކްތައް ހުޅުވައި ލޮކްޑައުނަށް ލުއި ދޭން ފަށައިފަ އެވެ. ސޯޝަލް ޑިސްޓެންސިންގެ އުސޫލުތަކާ އެއްގޮތަށް ރެސްޓޯރެންޓްތަކާއި ފިހާރަތައް ވެސް މެއި 18 އިން ފެށިގެން ހުޅުވަން ވަނީ ނިންމައިފަ އެވެ.