ޗައިނާގައި ފަސް ވެކްސިނެއް ޓެސްޓް މަރުހަލާގައި
ޗައިނާގައި ފަސް ވެކްސިނެއް ޓެސްޓް މަރުހަލާގައި

ބެއިޖިން (މެއި 16) - ކޮރޯނާވައިރަހަށް އުފައްދާ ފަސް ވެކްސިނެއް އިންސާނުން ބޭނުންކޮށްގެން ޓެސްޓް ކުރުމުގެ މަރުހަލާގައިވާ ކަމަށް ޗައިނާގެ ހެލްތު އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ހެލްތު ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ޒެންގް ޔިޒިން ވިދާޅުވީ ވެކްސިން މިހާތަނަށް ދިން 2،575 ވޮލަންޓިއަރުންގެ ފަރާތުން "ގޯސް ރިއެކްޝަނެއް" ފެނިފައި ނުވާ ކަމަށެވެ. އިތުރު ވެކްސިންތައް ވެސް ޓެސްޓް މަރުހަލާ އަށް ނެރުމުގެ މަގުމަތީގައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްލޭނާ އެއްގޮތަށް ދާނަމަ ކްލިނިކަލް ޓްރަޔަލްތަކުގެ ދެ ވަނަ ފިޔަވަހި ޖުލައި މަހު ނިމޭނެ،" އޭނާ ވިދާޅުވި އެވެ.

ވެކްސިން ޓެސްޓްކުރި އެއް ކުންފުނި ކަމަށްވާ ބެއިޖިންގެ ސިނޯވެކް ބަޔޯޓެކް އިން ބުނީ ޗައިނާގައި އެކަށީގެންވާ ކްލަސްޓާއެއް ނެތުމުން ވެކްސިންގެ އެންމެ ފަހުގެ ޓްރަޔަލްތައް ކުރިއަށް ގެންދާނީ ގައުމުން ބޭރުގައި ކަމަށެވެ.

އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި ވެކްސިން މިހާރު ވަނީ އިންސާނުން ބޭނުންކޮށްގެން ޓެސްޓްކޮށްފަ އެވެ. އަދި އެ ޓެސްޓްތަކުގެ ނަތީޖާ އަންނަ މަހު މެދުތެރޭގައި ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވީ ކޮރޯނާވައިރަހަށް އަހަރުގެ ފަހުކޮޅު ވެކްސިނެއް ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.