ކޮވިޑް-19: އިތުރު ތިން ދިވެއްސަކު ރަނގަޅުވެ، ޖުމްލަ 49 އަށް
ކޮވިޑް-19: އިތުރު ތިން ދިވެއްސަކު ރަނގަޅުވެ، ޖުމްލަ 49 އަށް

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ތިން ދިވެއްސަކު އެ ބަލިން ރަނގަޅުވެފައިވާކަން އެޗްޕީއޭ އިން ހާމަކޮށްފި އެވެ. އެއާއެކު ރާއްޖޭން އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 49 އަށް ވަނީ އަރައިފަ އެވެ.

އެޗްޕީއޭން ބުނި ގޮތުގައި މިއަދު ރަނގަޅުވި ތިން މީހުންގެ ތެރޭގައި ހިމެނެނީ 12 އަހަރުގެ އަންހެން ކުއްޖަކާއި 37 އަހަރުގެ ފިރިހެނަކާއި އަދި އެހެން ފިރިހެނެކެވެ.

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 1,020 އަށް އަރައިފަ އެވެ.

މާލެއިން ކޮވިޑް-19 ފެނުނީ މިދިޔަ މަހުގެ 15 ގަ އެވެ. އޭގެ ކުރިން ބައެއް ރިސޯޓްތަކަށް އައި ޓޫރިސްޓުންނާއި ރާއްޖޭން ބޭރުން އައި ބައެއް ދިވެހިން ބައްޔަށް ޕޮޒިޓިވް ވެފައިވެ އެވެ.

މިހާރު ލަފާކުރެވިފައިވާ ގޮތުން މި މަހުގެ ފަހުކޮޅު، ބަލި ޖެހޭ މީހުން އިތުރުވާނެ އެވެ. އެހެންވެ މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށްފަ އެވެ.

ރާއްޖެ އިން ފެންނަ ކޮވިޑް-19 ގެ ގިނަ މީހުންގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ނުފެނެ އެވެ. އެހެންވެ، ބަލި ޖެހިފައި ނޭނގި ވެސް ބަޔަކު މުޖުތަމައުގައި އުޅޭނެ ކަމަށް އެޗްޕީއޭ އިން ލަފާކުރެ އެވެ. މާލެތެރޭން ނަގާ ބައެއް ރެންޑަމް ސާމްޕަލްތައް ވެސް ދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ.