15 މެއި 2020 - 22:07

ދުވާލަކު އެވްރެޖްކޮށް 100 ވަރަކަށް މީހުން ކަރަންޓީން ނުވަތަ އައިސޮލޭޓް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ވަރަށް ރިސްކު ކުޑަ ބައެއް މީހުން ގޭގައި ވެސް ކަރަންޓީން ކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ، ޑޮކްޓަރުންގެ ޕެެނަލް ޑިސްކަޝަންސްގައި މައުލޫމާތު ދެއްވަމުން ގެންދަވަނީ ވެސް ގޭގައި އައިސޮލޭޓް ކުރުމާއި ކަރަންޓީން ކުރުމާ މެދު އެވެ.
ނަޒްލާ ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް އެކަން ކުރަމުން އަންނަނީ އެ ގޮތަށް ކަމަށެވެ.
މިރޭ ޕެނަލް ޑިސްކަޝަންސްގައި ބައިވެރިވެ ވަޑައިގަންނަވަނީ ޓެގް ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ އާއި ޑރ. މުއާޒް މޫސާ އާއި ޑރ. އަހުމަދު ޝަހީދެވެ.
މާލޭގައި ކޮވިޑް ބަލި އިތުރުވެ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސާޖަކަށް ހިނގައިދާނެ ކަމުގެ އިންޒާރު ސިއްހީ ދާއިރާއިން ވަނީ ދީފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ހޯމް އައިސޮލޭޝަން ފަށަން ޖެހިދާނެ ކަމަށް ވެސް ސަރުކާރުން ކުރިން ބުނެފައި ވެ އެވެ.
ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ގޭގައި ކަރަންޓީނުކޮށްފައި ހުންނަ މީހާގެ އެއްޗެހި ދޮވުމުގައި ވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. ގޭގައި ކަރަންޓީނުކޮށްފައި މީހަކު ހުންނަ ނަމަ ތަން ޑިސް އިންފެކްޓް ކުރަން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަޒްލާ ވިދާޅުވީ އެފަދަ މީހެއްގެ ކާތައްޓާއި ތުވާއްޔާއި ބެޑްޝީޓް ވެސް ވަކިން ބެހެއްޓުމާއި އެތަކެތި ހޫނުފެނުން ދޮވުން ވަރަށް މުހިންްމު ކަމަށެވެ.
"މީގެ އިތުރުން ވެންޓިލޭޝަނަކީ ވެސް ވަރަށް މުހިންމު އެއްޗެއް. ކަރަންޓީންގައި ހުންނަ މީހާގެ ކޮޓަރި އާއި އެހެން ތަންތަނުގެ ވެސް ވެންޓިލޭޝަން ވަރަށް މުހިންމު،" ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަރަންޓީންވެފައި ހުންނަ ގެއަކަށް ޑެލިވާ ކުރާ މީހާ އާއި ގޭގައި ތިބޭ މީހުންގެ ދޭތެރޭގައި ހަ ފޫޓުގެ ދުރުމިން ހުންނަން ޖެހޭ ކަމަށެވެ. އަދި ޑެލިވަރީ ތަކެތި ނެގުމަށް ފަހު ސައިބޯނި ލައިގެން އަތްދޮވެ، އަދި އެ ތަކެތި ވެސް ދޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ގެންނަ ތަކެތީގައި ވައިރަސް ހުއްޓަސް ތިން ދުވަހުގެ ތެރޭގައި އެ ވައިރަސް ވަރަށް ބަލިކަށިވާނެ. އެފަދަ އެއްޗަކުން ވަރަށް ނާދިރު ކަމެއް ބަލި އެރުމަކީ،" ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.