15 މެއި 2020 - 19:46

ކޮވިޑް-19 ފެތުރޭތީ އުފެދިފައިވާ ހާލަތާ ގުޅިގެން ދައުލަތުން ކުރާ ހަރަދުތަކާއި ދަރަންޏާއި އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރާ ގޮތް އަހަރުގެ ކޮންމެ ކުއާޓަރެއް ވަކިވަކިން ފައިނޭންޝަލް އޮޑިޓެއް ކުރަން ރައްްޔިތުންގެ މިޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން އެޅި ފިިޔަވަޅުތަކާ އެކު އިގުތިސާދީ ގޮތުން ކުރިމަތިވި ބޮޑެތި މައްސަލަތަކާ އެކު ސަރުކާރުން ވަނީ ގެއްލުންތައް ކުޑަކުރަން ރިލީފް ޕްރޮގްރާމްތަކެއް ތައާރަފްކޮށްފަ އެވެ. އެ ޕްރޮގްރާމްތަކާ މެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައަޅަން، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލަ ދިރާސާކުރަން މަޖިލީހުގެ ދާއިމީ ހުރިހާ ކޮމިޓީތަކަށް ވަނީ ފޮނުވައިފަ އެވެ. އޭގެ ތެރެއިން ބައެއް ކޮމިޓީތަކުން މައްސަލަ ދިރާސާކޮށް އެކުލަވަައިލި ރިޕޯޓްތައް މަޖިލީހުން މިހާރު ވަނީ ފާސް ވެސް ކޮށްފަ އެވެ. އެ ރިޕޯޓްތަކުގައި ގިނަ ކަންތައްތަކެއް ސަރުކާރުން ކުރަން ހުށަހަޅާފައިވެ އެވެ.
ހަރަދުތައް އޮޑިޓްކޮށް ކޮންމެ ކުއާޓަރެއް ނިމޭ އިރަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވަން އީވާ ހުށަހެޅުއްވީ އާޒިމް ހުށަހެޅުއްވި މައްސަަލައިގައި މަޖިލީހުގެ މާލިއްޔަތު ކޮޮމިޓީން އެކުލަވައިލި ރިޕޯޓަށެވެ. އެ ރިޕޯޓަށް އީވާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ހާދިސާއެއް ހިނގާ ދުވަސްވަރެއްގައި ހާއްސަ އަހައްމިޔަތެއް ދީގެން ވަގުތުން އޮޑިޓް ކުރުމަކީ ބައިނަލް އަގުވާމީ އޮޑިޓް ނިޒާމުގައި ބާރު އަޅާ ކަމެއް ކަމަށެވެ. ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީ އަދި މިލްކިއްޔާތާއި ދަރަނި އޮޑިޓް ކުރުމަކީ ގާނޫނު އަސާސީ އާއި އޮޑިޓް ގާނޫނުން އޮޑިޓާ ޖެނެރަލަށް ލާޒިމް ކުރާ ކަމެއް ކަމަށް ވެސް އީވާގެ ހުށަހެޅުމުގައިވެ އެވެ.
އެހެންވެ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ކޮންމެ ކުއާޓަރެއްގައި ކުރާ ހަރަދުތަކާއި ހިލޭ އެހީ އާއި ދަރަނީގެ މާލީ ރިޕޯޓްތަކުގެ ފައިނޭންޝަލް އޮޑިޓްކޮށް ކޮންމެ ކުއާޓަރެއް ނިމޭތާ އެއްމަސް ދުވަހުގެ ތެރޭގައި ނިންމަން އޮޑިޓާ ޖެނެރަލަށް އަންގަން އީވާ ހުށަހަޅުއްވާފައިވެ އެވެ.