15 މެއި 2020 - 17:32

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1،000 އަށް ވުރެ މައްޗަށް މިއަދު އަރައިފި އެވެ.
އެޗްޕީއޭ އިން ދެންމެ އިއުލާން ކުރި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 1،020 އެވެ. އެންމެ ފަހުން ޕޮޒިޓިވްވި 38 މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެއްސަކާއި ބަންގްލަދޭޝްގެ އަށް މީހެއްގެ އިތުރުން ނޭޕާލް މީހެކެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އެ ގައުމުގެ 532 މީހަކު ރާއްޖޭން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 352 އެކެވެ. އަދި އިންޑިއާގެ 99 މީހަކު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު ނޭޕާލްގެ 13 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި އިޓަލީގެ 11 މީހަކާއި ސްރީލަންކާގެ ހަ މީހެއްގެ އިތުރުން ޕާކިސްތާންގެ ތިން މީހަކާއި އެހެން ގައުމުތަކުގެ ހަތަރު މީހަކު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ބިދޭސީން ހިމެނޭއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ތޮއްޖެހިގެން ދިރިއުޅެމުން ދިޔަ މީހުން ކަމަށް އެޗްޕީއޭން ބުނެ އެވެ. ތޮއްޖެހިގެން ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން އެހެން ލޭބާ ކުއާޓާތަކަށް ބަލަދު ކުރުމުގެ އިތުރުން ބައެއް ބިދޭސީން ވަނީ އެ މީހުންގެ ގައުމަށް ވެސް ގެންގޮސްފަ އެވެ.
ކުރިއަށް އޮތް ދެ ހަފްތާއަކީ ރާއްޖޭން ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވާނެ ދުވަސްތައް ކަމަށް ލަފާ ކުރެވޭތީ އެކަމަށް ސަމާލުވާން ސަރުކާރުން ވަނީ އެދިފަ އެވެ.
މާލެ ލޮކްޑައުން ކުރުމުގެ ކުރިން، ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޝީނާ މޫސާ ހެއްދެވި ޕްރޮޖެކްޝަންސްގައި ލައްކައަކަށް ވުރެން ގިނަ މީހުންނަށް ރާއްޖެ އިން ކޮވިޑް-19 ޖެހޭނެ ކަމަށް ލަފާކުރެއްވި އެވެ. އެކަމަކު އެ އަދަދު ވެސް ފަހުގެ ޕްރޮޖެކްޝަންސްގައި އޮތީ ދަށްވެފަ އެވެ. ޝީނާ މިހާރު ލަފާކުރައްވަނީ މި ބަލިމަޑުކަމުގައި ރާއްޖެ އިން ޕޮޒިޓިވްވާނީ 77،000 މީހުން ކަމަށެވެ.
ރާއްޖެ ޕީކަށް އަރާނެ ކަމަށް ކުރިން ލަފާ ކުރި ދުވަސް ލަސްވެ އާ ޕްރޮޖެކްޝަންސް އިން ފެންނަ ގޮތުގައި، ބަލި ޖެހިފައި ތިބި އެންމެ ގިނަ ބަޔަކު ފެންނާނީ މި މަހުގެ 31ގަ އެވެ. އެ ދުވަހު ޕީކަށް އަރާއިރު 6،000 މީހުންނަށް ބަލި ޖެހިފައި ތިބޭނެ ކަމަށް އޭނާ ލަފާ ކުރައްވަ އެވެ.
މިދިޔަ މާޗް 7 އިން ފެށިގެން މިހާތަނަށް ރާއްޖެ އިން ވަނީ ކޮވިޑް-19 ގައި ހަތަރު މީހަކު މަރުވެފަ އެވެ. އޭގެ ތެރެއިން އެންމެ ފަހުން އަވަހާރަވީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެންމެ ގިނަ މުދާ އެތެރެކުރާ އެއް ތަން ކަމަށްވާ އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ، 88، އެވެ. އެ މަނިކުފާނުގެ އަނބިކަނބަލުން އާމިނަތު އާދަމް، 83، މިދިޔަ މަހުގެ 29 ގައި އަވަހާރަވީ ވެސް ކޮވިޑް ބަލީގަ އެވެ. ހުސައިން އަބްދުﷲ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ އަނބިކަނބަލުން އަވަހާރަވި ދުވަހުގެ ފަހު ދުވަހު އެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހިހެން މަރުވި ހަތަރު މީހުންގެ ތެރެއިން އެކަކީ އުމުރުން 33 އަހަރުގެ ބަންގްލަދޭޝްގެ މީހެކެވެ. މި ބަލި ރާއްޖެ އިން ޖެހުނު މީހުންގެ ތެރެއިން މިހާޔަނަށް ރަނގަޅުވީ 46 މީހެކެވެ.