15 މެއި 2020 - 17:23

އައްޑު އަށް މި ދުވަސްވަރު ގެންނަ ބައެއް ކާބޯތަކެތީގެ އަގުބޮޑުކަން ފާހަގަކުރެވޭ ކަމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ އިމަންޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ބޭއްވި ނިއުސް ބްރީފިންއެއްގައި މޭޔަރު ވިދާޅުވީ، މި ވަގުތު އައްޑޫގައި އެންމެ އަގުބޮޑުކޮށް ވިއްކާކަން ފާހަގަކުރެވިފައި ވަނީ ގިތެޔޮ މިރުސް ކަމަށެވެ. އެގޮތުން ކިލޯއެއްގެ އަގު 1،500ރ. އަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ތަކެތީގެ އަގުބޮޑުކޮށް ވިއްކުމަކީ ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އެގޮތަށް އަމަލު ނުކުރުމަށް ވިޔަފާވެރިންގެ ކިބައިން މޭޔަރު އެދިވަޑައިގަތެވެ.
ސޯބެ ވިދާޅުވި ގޮތުގައި، ގައުމީ އެއާލައިން މޯލްޑިވިއަންގެ ކާގޯ މަތިންދާބޯޓުގައި އައްޑު އަށް ތަކެތި ގެނައުމުގައި އެއްވެސް ދައްޗެއް ނެތެވެ. ކާބޯތަކެތީގެ އެއްވެސް ބާވަތެއް ލިބުމުގައި ދަތިކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް މަަދު ބައެއް އައިޓަމްތަކުގެ އަގު ވަނީ ބޮޑުވެފައި. މިސާލަކަށް މިރުހުގެ އަގުތައް ވަރަށް ބޮޑު. މިރުސް ކިލޯއެއް ބައެއް ފިހާރަތަކުން ފަނަރަސަތޭކަ ރުފިޔާ، ގިތެޔޮ މިރުސް ކިލޯއެއް އެބަ ވިއްކާ،" މޭޔަރު ވިދާޅުވި އެވެ.
"ބައެއް އައިޓަމްތަކުގެ ސަޕްލައި މަދުވުމުގެ ސަބަބުން ބައެއް އެއްޗެހީގެ އަގުތައް ހުރީ ބޮޑުކޮށް."
އޭނާ ވިދާޅުވީ، ވިޔަފާވެރިންނަށް މި ވަގުތު މުދާ ގެނެވެނީ ވެސް އާންމުކޮށް ގެނެވޭ އަގުތަކަށް ވުރެ ވެސް އަގުހެކޮށް ކަމަށް ވާތީ ތަކެތީގެ އަގު ބޮޑުކޮށް ވިއްކައިގެން ނުވާނެ ކަމަށެވެ.
"އެހެންވީމާ ފިހާރަތަކަށް ވެސް އެޑްވައިސް ކޮށްފަ އޮތީ އަގުތައް އިންތިހާ އަށް ބޮޑުނުކުރަން. ބައެއް ފިހާރަތަކުން މިހާރު ގެނެސްފައި ހުރި ޕެރިޝަބަލްސް ހަމަ ވިއްކަނީ ކުރިން ވެސް ވިއްކަމުން ދިޔަ އަގުތަކުގައި، މާ ބޮޑު ބަދަލެއް ނައިސް،" ސޯބެ ވިދާޅުވި އެވެ.