17 އޮކްޓޯބަރ 2016 - 06:14

ބޮލީވުޑުން ފެންނަ ޒާތުގެ އެކްޝަން މަންޒަރުތައް ދެކެ ފޫހިވެއްޖެ ކަމަށާއި އެހެންވެ "ޝިވާއޭ"ގައި ވަރަށް ތަފާތު އެކްޝަނެއް ދައްކަން މަސައްކަތް ކޮށްފައި ވާނެކަމަށް އެކްޓަރު-ޑައިރެކްޓަރު އަޖޭ ދޭވްގަން ބުނެފި އެވެ.
އަޖޭ ބުނި ގޮތުގައި ބޮލީވުޑްގެ ތަޅާފޮޅާ މަންޒަރުތަކަކީ އޭނާއަށް ވަރަށް ފަސޭހަ އެއްޗަކަށް ވާތީ މިފަހަރު މުޅިން ތަފާތު ގޮތަކަށް އެފަދަ މަންޒަރުތައް ގެނެސްދޭން ގަސްދުކުރީ ކަމަށެވެ.
އަޖޭ އަކީ އޭނާގެ ފިލްމުތަކުގެ އެކްޝަން މަންޒަރުތަކުގައި ވަރަށް މަދުން ނޫނީ ބޮޑީ ޑަބަލް ބޭނުންކުރާ މީހަކަށް ނުވާތީ މިފަހަރުގެ ފިލްމުގެ މަސައްކަތް އޭނާއަށް އުނދަގޫވި އެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ކުރެވިފައިވާ ގޮތާ މެދު އަޖޭ ހުރީ ހިތްހަމަޖެހިފަ އެވެ.
"ޝިވާއޭ" ޑައިރެކްޓްކޮށް އަދި ބަތަލުގެ ރޯލު ވެސް ކުޅެފައި ވަނީ އަޖޭ އެވެ. މިއީ 2008 ގައި ނުކުތް ރޮމެންޓިކް ފިލްމު "ޔޫ މީ އައުރު ހަމް" އަށް ފަހު އަޖޭ ޑައިރެކްޓްކުރާ ދެ ވަނަ ފިލްމެވެ.
އަޖޭ، 47، ބުނި ގޮތުގައި "ޝިވާއޭ" ކަހަލަ ފިލްމެއް މީގެ ފަސް ވަރަކަށް އަހަރު ކުރިން އުފައްދަން އުޅުނު ނަމަ ވަރަށް އުނދަގޫވާނެ އެވެ. ސަބަބަކީ ވިޝުއަލް އިފެކްޓްސް ގިނަ ފިލްމަކަށް ވާތީ އެވެ.
"ޝިވާއޭ" އަކީ ސައިޝާ ސައިގަލް ބޮލީވުޑަށް ނުކުތުން ފާހަގަކުރާ ފިލްމުވެސް މެ އެވެ.
އޮކްޓޯބަރު 28 ވަނަ ދުވަހު "ޝިވާއޭ" ރިލީޒްކުރާއިރު ބޮކްސް އޮފީހުގައި ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" އާ ބޮޑު ހަނގުރާމައަކަށް ދާނެ އެވެ.
އަޖޭ ބުނި ގޮތުގައި "އޭ ދިލް ހެ މުޝްކިލް" އާއި "ޝިވާއޭ" އެއް ދުވަހަކު ރިލީޒްކުރިޔަސް ބަލާނީ ކޮން ފިލްމެއްތޯ ނިންމާނީ ބެލުންތެރިންނެވެ. އަދި ކޮން ފިލްމެއްތޯ މޮޅީ ކަނޑައަޅާނީ ވެސް ފިލްމު ބަލާ މީހުންނެވެ.
"އޯޑިއަންސް އޮންނާނީ ދެ ބަޔަކަށް ބައިވެފައި. ފިލްމުތައް ރިލީޒްކުރަނީ ދިވާލީގައި ކަމަށްވާތީ މީހުންތައް އުޅޭނީ ވަރަށް ބިޒީކޮށް. އެއްގޮތަކަށް ވެސް ބުނާކަށް ނޭނގެ ބޮކްސް އޮފީހުގައި ވާނެ ގޮތެއް. އަހަރެން ގަބޫލުކުރާނީ މޮޅު ފިލްމަކަށޭ ކާމިޔާބު ލިބޭނީ،" އަޖޭ ބުންޏެވެ.