15 މެއި 2020 - 13:45

ބޭރުގެ ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަކީ އެ ބަޔަކަށް ރާއްޖެ ވިއްކައިލުން ކަމަށް، ކުރީގެ ޑިފެންސް މިިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމެއްގައި ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކަ އަކަށް ރައްދު ދެއްވައި، މަޑުއްވަރީ ދާއިރާގެ މެމްބަރު، އިދިކޮޅު ޕީއެންސީގެ މެމްބަރުކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ބޭރު ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަކީ ދިވެހިވަންތަކަން ގެއްލި، އެހެން ދީންތައް ފެތުރުމަށް މަގު ފަހިވާނެ ކަމެއް ކަމަށެވެ.
އެހެންވެ، ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން ނުދެވޭނެ ކަމަށާއި އެކަމާ ދެކޮޅަށް ތެދުވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އިންވެސްޓަރުން ގެންނަން ތާއީދު،" އާދަމް ޝަރީފްގެ ޓްވީޓުގައި ވެ އެވެ.
އަސްލަމް، މަޖިލީހުގެ ކޮމިޓީގައި ވިދާޅުވީ މާލީ ތަނަވަސްކަން ހުރި ބައެއް މީހުން ރާއްޖޭގެ ރަށްވެހިކަން ހޯދުމަށް ޝައުގުުވެރިވާ ކަމަށެވެ. އެ މީހުންނަށް އެ ފުރުސަތު ދިނުމާ މެދު ވިސްނުން ރަނގަޅު ކަމަށާއި އޭރުން ރާއްޖެ އަށާއި ރައްޔިތުންނަށް ވެސް ފައިދާތަކެއް ކުރާނެކަން ގަބޫލު ކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށްވެހިކަން ދިނުން ސިޓިޒެންޝިޕް ގާނޫނު ބުނާގޮތުން، ރާއްޖޭގެ ރަށްވެހިކަން ދެވޭނެ ޝަރުތުތަކަކީ އުމުރުން 21 އަހަރު ވެފައިވާ މުސްލިމަކު ކަމުގައި ވުމާއި ބުއްދި ސަލާމަތުން ހުރި މީހަކަށް ވުމެވެ. އޭގެ އިތުރުން، މެދުކެނޑުމެއް ނެތި 12 އަހަރު ވަންދެން ރާއްޖޭގައި އުޅެފައި ވުމާއި މި މުއްދަތުގައި ރާއްޖެ އިން ބޭރަށް ދިޔަ ނަމަވެސް ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ރާއްޖެ އިން ބޭރުގައި އުޅެފައި ނުވުމަކީ ޝަރުތެކެވެ. ރާއްޖޭގައި އެ މީހަކު އުޅުނު މުއްދަތުގެ ޖުމްލަ 10 އަހަރަށް ވުރެ ގިނަވާން ޖެހޭނެ އެވެ.
ރާއްޖޭގެ ގާނޫނުއަސާސީ އާއި ދިވެހި ބަހުން ވާހަކަ ދައްކަން އެނގުމާއި ރާއްޖޭގެ އަސާސީ ތައުލީމުގެ މުގައްރަރާ އެއް ވަރަށް ލިޔަންކިޔަން ދަތުމާއި ސިޔާސީ ކުށެއް، ހައްދެއް ކަނޑައަޅާފައިވާ މީހަކަށް ނުވުމަކީ ވެސް ރަށްވެހިކަން ދިނުމުގައި ބަލާ ކަންކަމެވެ.
ނަމަވެސް، އެ ގާނޫނުގެ ދަށުން ރަށްވެހިކަން ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް، ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅެމުން އަންނަ ބައެއް މީހުން ބުނެ އެވެ.