ސައުދީން އޭޝިއާއަށް ވިއްކާ ތެލުގެ މިންވަރު މަދުކޮށްފި
ސައުދީން އޭޝިއާއަށް ވިއްކާ ތެލުގެ މިންވަރު މަދުކޮށްފި

ސައުދި އަރަބިއްޔާ އިން އޭޝިއާ އަށް ވިއްކާ ތެލުގެ މިންވަރު 30 ޕަސެންޓަށް ދަށްކޮށްފި އެވެ.

ސައުދީގެ ތެޔޮ ކުންފުނި، އަރަމްކޯ އިން އޭޝިއާގެ ތެލުގެ ވިޔަފާރި ކުރާ މީހުން ބޭނުން ވެގެން ހުށަހެޅި މިންވަރަށް ވުރެ 30 ޕަސެންޓް މަދުން ވިއްކަން ނިންމީ، ތެލުގެ އަގު އޭޝިއާ ބާޒާރުގައި ހިފެހެއްޓުމަށްޓަކަ އެވެ.

ސައުދީން މިފަދަ ފިޔަވަޅެއް އެޅިއިރު އިރު އޭޝިއާގެ ގިނަ ގައުމުތަކުން ވަނީ ލޮކްޑައުންގެ ހާލަތު ދޫކޮށް، އެ ގައުމުތަކުގެ އާންމު ހާލަތުގެ ތެރެއިން ކަންކަން ކުރަން ފަށައިފަ އެވެ. މިދިޔަ ހަފުތާގައި ސައުދީން ވަނީ ހުރިހާ ސަރަހައްދަކަށް ޖޫން މަހު ވިއްކާ ތެލުގެ އަގު ވެސް ބޮޑު ކޮށްފަ އެވެ.

މީގެ އިތުރުން އެ ގައުމުގެ ނިންމުމަކީ ތެޔޮ އުފައްދާ މިންވަރުން 1 މިލިއަން ފީފާ، ޖޫން މަހުން ފެށިގެން މަދު ކުރުމެވެ.

ސައުދީގެ އިތުރުން އީރާނާއި ކުވެއިތާއި ޔޫއޭއީން ވެސް އޭޝިއާއިން ތެލުގެ ވިޔަފާރިވެރިންނަށް ތެޔޮ ވިއްކާ މިންވަރު ވަނީ މަދުކޮށްފަ އެވެ. އޯޕެކްގެ ގައުމުތަކުން މިދިޔަ އޭޕްރީލް މަހު ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ތެޔޮ އުފައްދާ މިންވަރު މަދު ކުރަން ވެސް ނިންމައިފައިވެ އެވެ. މިގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެންނެވެ. މިއީ މިހާތަނަށް ތެޔޮ އުފައްދާ މިންވަރު އެހާ ބޮޑުތަނުން ދަށްކުރަން ނިންމި ފުރުތަމަ ފަހަރެވެ.

މި އެއްބަސްވުމާ އެކު މިމަހުގެ ފެށިގެން ދުވާލެއްގެ މައްޗަށް އުފައްދާނީ 9.7 މިލިއަން ފީފާގެ ތެލެވެ. މި ނިންމުމަށް ޖޫން 30 ގެ ނިޔަލަށް އަމަލު ކުރުމަށް ނިންމައިފައިވާއިރު ޖުލައި 1 އިން ފެށިގެން ޑިސެމްބަރުގެ ނިޔަަލަށް 7.7 މިލިއަން ފީފާ އަށް ދަށް ކުރާނެ އެވެ. އަދި އަންނަ އަހަރު ވެސް އެކި އަދަދުތަކުން ތެޔޮ އުފެއްދުން ދަށް ކުރުމަށް ވަނީ ނިންމައިފަ އެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ހާލަތު، ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ލޮކްޑައުންގެ ހާލަތަށް ގެނައުމުގެ ސަބަބުން ތެލަށް އޮތް ޑިމާންޑް ކުޑަވެ، ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ވޭތުވެދިޔަ 21 އަހަރު ތެރޭގައި ތެލުގެ އަގު ނުދާ ވަރަށް ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ވެއްޓިފައިވެ އެވެ.

ތެޔޮ ފީފާގެ އަގު 14.99 ޑޮލަރަށް ދަށްވި އެވެ. މި އަހަރުގެ ފެބްރުއަރީ މަހާ ހަމަޔަށް ތެޔޮ ފީފާ އެއްގެ އަގު ހުރީ، 50 ޑޮލަރުގަ އެވެ.