ވިއްސާރައިގައި މާލެ އިން ގަސްތަކެއް ވެއްޓި ގެއްލުންވެއްޖެ
ވިއްސާރައިގައި މާލެ އިން ގަސްތަކެއް ވެއްޓި ގެއްލުންވެއްޖެ

މާލެ އަށް ކުރަމުންދާ ވިއްސާރައިގައި ރޭ ފަތިހު ގަދަވަޔާ އެކު ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓި ގެތަކުގެ ފުރާޅަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.

ވިއްސާރައިގައި މާލެ އިން ގަސްތަކެއް ވެއްޓި ގެއްލުންވެއްޖެ
ވިއްސާރައިގައި މާލެ އިން ގަސްތަކެއް ވެއްޓި ގެއްލުންވެއްޖެ

އެމްއެންޑީއެފުން ބުނީ ވައިގަދަވެ މާލޭގެ ހަ ސަރަހައްދަކުން ގަސްތައް ވެއްޓުނު ކަމަށެވެ. އެއީ، ހެންވޭރު ސަހަރާ ކައިރިންނާއި މާވެޔޮ މަގާއި ވޮއިސް އޮފް މޯލްޑިވްސް އާއި ކޮއްތު ހަޓާއި ވިލިމާލެ ފެރީ ޓާމިނަލް ކައިރިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ގަސްތައް ވެއްޓި ގެއްލުން ލިބުނީ ގ. ސައްލިގޭގެ ފުރާޅާއި އެސްޓީއޯގެ ފުށް ގުދަނަކަށެވެ. މީގެއިތުރުން ބައެއް ގޭގެ ފުރާޅު ވަޔާ ގޮސްފައިވާތީ ވެސް އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެކި ސަރަހައްދުތަކުން ވެއްޓުނު ބިޔަ ގަސްތައް ނެގުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އުތުރުގެ އަތޮޅުތަަކަށް ގަޑިއަކު 8-18 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭ އިރު އެހެން ހިސާބުތަކަށް 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް ބުންޏެވެ. އަދި ވިލާ ގަނޑުގައި 45-50 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. ބުދަ ދުވަހުގެ ދަންވަރުން ފެށިގެން އިއްޔެ މެންދުރާ ހަމައަށް އައްޑޫއަށް 156 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓް އޮފީހުން ބުންޏެވެ. ވާރޭގައި އައްޑޫގެ 151 ގެއަކަށް ފެންވަދެގެން ކައުންސިލުން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.