15 މެއި 2020 - 13:08

ސިޑްނީ (މެއި 15) - ކަނޑުގެ ލޮނުގަނޑު ހޫނުވެ މުރަކަތައް ހުދުވާ މައްސަލަ އަށް އޮސްޓްރޭލިއާގެ ސައެންސްވެރިން ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިފި އެވެ.
ދުނިޔެ ހޫނުވެ އެކަމުގެ އަސަރު ކަނޑުގެ ލޮނުގަނޑަށް ކުރުމުން، ގާ ހުދުވަނީ ގަލުގައި ނުވަތަ މުރަކައިގެ ޓިޝޫގައި ދިރިއުޅޭ، ގަލަށް ދިރުން ގެނެސްދޭ ކުޑަކުޑަ ސޫތްޕެއް ކަމަށްވާ އަލްގީ ޒޫޒަންތެލީ ގަލުން ނުކުތުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުރަކައަށް ހުދުކަން ގެނުވަ އެވެ.
ސައެންސްވެރިން މިފަހަރު ކުރި ކަމަކީ މައިކްރޯއަލްގީއެއް ލެބްގައި އުފެއްދީ އެވެ. އެއީ ހޫނުގައި ކޮންމެވެސް ވަރަކަށް ކެތްކުރެވޭ އޯގަނިޒަމެކެވެ. މުރަކަ އަށް މި އަލްގީ ފޮނުވުމުން ހޫނުވިއަސް ގަލުގައި ދިރިއުޅެވެ އެވެ.
ރިސާޗްކުރާ ފަރާތްތަކުން އުއްމީދުކުރަނީ އެ މީހުންގެ ހޯދުމުގެ ސަބަބުން، ކަނޑުގެ "ހޫނު ރާޅުތަކުން" މަރުވެފައިވާ މުރަކަތަކަށް އަލުން ދިރުން ލިބޭނެ ކަމަށެވެ. ސައެންސްވެރިން ވަނީ ލެބްގައި ކަލްޗާކޮށްފައިވާ މައިކްރޯއަލްގީ ކަނޑުގެ ހޫނު މާހައުލެ މުރަކައިގެ ލާވާއަކަށް ދޫކޮށްގެން ހަތަރު އަހަރު ވަންދެން ތަޖްރިބާކޮށްފަ އެވެ. ނަތީޖާ އަކީ ހޫނުގަދަވި ނަމަވެސް އެ އަލްގީތައް ދިރިއުޅޭ ކަމެވެ.
"އަޅުގަނުމެންނަށް ފާހަގަވި ކަމަކީ ހޫނަށް ހޭނިފައިވާ މައިކްރޯއަލްގީގެ ފޮޓޯސިންތެސިސް ރަނގަޅުކަން. އަދި ގަލަށް ހޫނުވި ނަމަވެސް އޭގެ ރެސްޕޮންސް ރަނގަޅުކަން،" އޮސްޓްރޭލިއަން އިންސްޓްޓިއުޓް އޮފް މެރިން ސައެންސްގެ ޕްރޮފެސަރު މެޑެލީން ވެން އޮޕެން ވިދާޅުވި އެވެ.
ދުނިޔޭގެ މޫސުމަށް ބަދަލު އައިސް ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މުރަކައިގެ ފަރުތައް ވަނީ ވަރަށް ނާޒުކް ހާލަތެއްގަ އެވެ. މި އަހަރު ކުރީކޮޅު ވަނީ އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފަށް ގާހުދުވުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފަ އެވެ. ދެހާސް ސޯޅަ އަދި 2017 ވަނަ އަހަރު ކުރިމަތިވި ހޫނުގަދަވުމުގައި ވަނީ ދުނިޔޭގެ ފަރުތަކުގެ ތިން ބައިކުޅަ ބައި ހަލާކުވެފަ އެވެ.
ދުނިޔެ އަށް 1998 ވަނަ އަހަރު ކުރިމަތިވި އެލް ނީނޯގައި ރާއްޖޭގެ ފަރުތައް ވެސް ވަރަށް ބޮޑަށް ހުދުވި އެވެ.