15 މެއި 2020 - 01:23

ފަރުވާ ހޯދަން ރަށުން ބޭރަށް ނުދެވުމުގެ ސަބަބުން އއ. ތޮއްޑޫން މާބަނޑު އަންހެނެއްގެ ބަނޑުގައިވާ ދަރިފުޅު މަރުވި މައްސަލައިގައި، އެ އަންހެންމީހާ ރަށުން ބޭރަށް ދާން ބޭނުންވާ ހުއްދަ ވަރަށް އަވަހަށް ދިން ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނެފި އެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ޕްރެސް ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަަށް އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ތޮއްޑޫން ފުރަން އެދުނު މާބަނޑު އަންހެން މީހާ އަށް ހުއްދަ އަށް އެދުނުތާ 15 މިނެޓް ތެރޭގައި ހުއްދަ ދިން ކަމަށެވެ. ހެލްތު މިނިސްޓްރީން އެ މައްސަލަ އިތުރަށް ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންއީއޯސީގެ ފަރާތުން ކުރަން ޖެހުނު [މަސައްކަތް]، މިސާލަކަށް ހުއްދަ ދިނުމުގެ މަސައްކަތް، އެ ހުއްދަ ދެވިފައި އިން ގާތްގަނޑަކަށް ރިކްއެސްޓް އައިތާ ފަނަރަ ވަރަކަށް މިނެޓްގެ ތެރޭގައި. ހަމަ އެހެން ނޫނަސް ދިމާވާ އެކަހަލަ ކޮމްލިކޭޝަންތަކެއްގެ ތެރޭގައި އޮތް ކޭސް އެއް ކަމަށް ބެލެވެނީ. އެހެން ނަމަވެސް ސީދާކޮށްް އެއްޗެއް ބުނަންވާނީ، ހެލްތު މިނިސްޓްރީން އަޅުގަނޑު ހިތުން އެކަން ތަހުގީގު ކުރުމަށް ފަހުގައި،" މަބްރޫކް ވިދާޅުވި އެވެ.
މާބަނޑު މީހާގެ އާއިލާ އިން "މިހާރު"އާ ވާހަކަދެއްކި މީހަކު މިރޭ ބުނީ، އަންހެން މީހާގެ ފަރުވާ އަށް ރަށުން ފުރުމުގެ ހުއްދަ ތޮއްޑޫ ޓާސްކް ފޯހުން ފަހުން ދިން ކަމަށާއި ހުއްދަ ނުދިނީ ރަސްދޫ ހޮސްޕިޓަލުން ކަމަށެވެ.
"މި ހުރިހާ ކަމެއް ރަސްދޫ ކޮޅުން މި ބްލޮކް ކުރީ،" އެ މީހާ ބުންޏެވެ.
ނަމަވެސް ރަސްދޫ ހޮސްޕިޓަލުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ، ރިސްކު ބޮޑު މީހަކަށް ވާތީ، ރީޖަނަލް ހޮސްޕިޓަލް ނުވަތަ މާލެ އަށް ފަރުވާ ހޯދަން އިރުޝާދު ދީފައިވާނެ ކަމަށެވެ.
"އެ މައުލޫމާތު ލިބުނީމާ އެ ކޭހަށް ބަލާފައި މާލެ ނުވަތަ ރީޖަނަލް ތަނަކަށް ދާން ލަފާ ދިނީ، ހޮސްޕިޓަލުގައި އެ ހިދުމަތް ނެތީމަ. މި ހާލަތުގައި ކުއްޖާ ނަގައިގެން ފަރުވާ ދޭނެ ނާސަރީއެއް ނުހުންނާނެ. އެކަން މެނޭޖްކުރަން ނެތީމަ ޑޮކްޓަރު އިރުޝާދު ދިނީ އެގޮތަށް،" ހޮސްޕިޓަލުން ވާހަކަދެއްކި ބޭފުޅާ ވިދާޅުވި އެވެ.