15 މެއި 2020 - 00:39

ކޮވިޑް-19 ގެ ސަބަބުން އެކަހެރިކޮށް ނުވަތަ ކަރަންޓީން ކުރަން ޖެހޭ ހާލަތެއްގަ އާއި ފެސިލިޓީއެއްގައި ކަރަންޓީންވުމަށް ފަހު އަނބުރާ އަންނަ ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަންއާ ގުޅޭ އުސޫލެއް މިރޭ އާއްމުކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި އުސޫލުގައިވާ ގޮތުން، ކަރަންޓީން ކުރާ ތަނުގައި ރަނގަޅު ހާލަތެއްގައި ބިދޭސީން ބޭތިއްބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މުވައްޒަފުން ގެންގުޅޭ ފަރާތުގެ ޒިންމާއެކެވެ. އެކަންކަމުގެ އިތުރުން މުވައްޒަފުންގެ ކެއިންބުއިމުގެ ކަންތައްތަކާއި އެހެނިހެން ޒަރޫރީ ބޭނުންތައް ރައްކާތެރިކަމާ އެކު ފުއްދައިދިނުމުގެ އިންތިޒާމް ވެސް ހަމަޖެއްސައިދޭން ޖެހެ އެވެ.
ހުރިހާ މުވައްޒަފުންގެ ނަމާއި ޕާސްޕޯޓު ނަމްބަރު/ ވޯކްޕާމިޓް، ފޯނު ނަމްބަރު އަދި އެޑްރެސް ހިމެނޭހެން ފުރިހަމަ ލިސްޓެއް ނަގައި އެ މީހުން ގަވައިދުން މޮނިޓާކުރާނެ އިންތިޒާމް ހަމަޖައްސަންޖެހޭނެ ކަމަށް އުސޫލުގައި ބުނެ އެވެ. އޭގެ އިތުރުން މުވައްޒަފުން ދިރިއުޅޭ ކޮންމެ ތަނެއްގައި އިސްކޮށް ހަރަކާތްތެރިވާނެ ސުޕަވައިޒަރެއް ކަނޑައަޅައި ދުވާލަކު އެއް ފަހަރު މުވައްޒަފުންގެ ހާލު ވެސް ބަލަންޖެހެ އެވެ.
އެ ސުޕަވައިޒަރުގެ ޒިންމާގެ ތެރޭގައި، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތެއް ފެނިއްޖެނަމަ ކަނޑައަޅާފައިވާ ވެރިއަކަށް އެކަން އެންގުން ހިމެނެ އެވެ.
ދިރިއުޅޭ ތަނުގައި ސާފުތާހިރުކަން ދަމަހައްޓައި އެއްވެސް ބައްޔަކަށް ފަރުވާކުރާ ނުވަތަ 55 އަހަރުން މަތީގެ ގިނަ މީހުން އެއްވެ ނޫޅެން ވަނީ އަންގައިފަ އެވެ.
މުވައްޒަފުން ކަރަންޓީން ކުރާ ތަންތަން ހުންނަން ވާނީ އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހުގެ 14 ގައި އާއްމުކުރި "ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތައް ދިރިއުޅުމަށް ވަޒީފާ ދޭފަރާތުގެ އެކަމަޑޭޝަން ހަމަޖައްސައިދިނުމުގެ އުސޫލު" އާ އެއްގޮތަށެވެ. އޭގެ އިތުރުން ނިދާ ތަންތަނާއި ފާހަނާ އާއި ބަދިގެ އާއި ކާތަނުގައި ހުންނަންޖެހޭ ހަމަތަކެއް ވެސް ބަޔާންކޮށްފައިވެ އެވެ.
ކޮޓަރިއެއްގައި ނުވަތަ ނިދަން ހަމަޖައްސާފައިވާ ތަނުގައި އެކަކަށްވުރެ ގިނަ މީހުން ނިދާނަމަ އެނދު ނުވަތަ ގޮދަނޑި ބަހައްޓަންވާނީ ތިން ފޫޓު ދުރުމިނުގަ އެވެ. ކޮންމެ މުވައްޒަފަކަށް ވަކިން އެނދު/ގޮދަނޑި އާއި ބެޑްޝީޓް ހަމަޖައްސަންވާނެ އެވެ.
ކޮޓަރީގައި ފަންކާ ހަރުކޮށްފައި ހުންނަންވާނެ އެވެ. އެއާކޯން ހުރި ކަމުގައި ވިއަސް ވައި ދައުރުވާ ގޮތަށް ކޮންމެ ދުވަހަކު ވެސް ކުޑަދޮރުތައް ހުޅުވަންޖެހޭނެ ކަމަށް އުސޫލުގައި ފާހަގަކުރި އެވެ.
ފާހަނާގައި ސާފު ފެން ލިބެންހުރުމާއި ރައްކާތެރިގޮތުގައި އަތްދޮވުމާއި އެކަކަށްވުރެ ގިނަ މުވައްޒަފުން ފާހަނާ ބޭނުންކުރާ ނަމަ، ދުވާލަކު އެއްފަހަރު މުޅި ފާހަނާ ސާފުކުރަން ޖެހޭނެ އެވެ.
ކޮންމެ މުވައްޒަފަކަށް ވެސް ވަކިން ކާ ތައްޓާއި ފެންބޯތައްޓާއި އޫ އަދި ސަމްސާ ހަމަޖައްސައިދޭން ޖެހޭނެ އެވެ. އޭގެ އިތުރުން އެ މީހުން ދިރިއުޅޭ ތަންތަން ދުވާލަކު އެއް ފަހަރު ސާފުކުރަންވާނެ އެވެ.
ކުންފުނި ނުވަތަ މުއައްސަސާތަކުން މުވައްޒަފުން ކަރަންޓީން ނުވަތަ އައިސޮލޭޓްކުރުމާއި ފެސިލިޓީގައި ކަރަންޓީންވުމަށް ފަހު އަންނަ މުވައްޒަފުން ބެހެއްޓުމަށް ހަމަޖައްސާ ތަންތަނުގައި މުވައްޒަފުން ބޭތިއްބުމުގެ ކުރިން އެޗްޕީއޭ އަށް މެއިލް މެދުވެރިކޮށް އަންގަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 980 އިން މައްޗަށް އަރާފައިވާއިރު އެ ބަލި އެންމެ ގިނައިން ޖެހިފައިވަނީ ބިދޭސީ މަސައްކަތްތެރިންނަށެވެ. އޭގެ ތެރޭގައި 500 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން ހިމެނެ އެވެ.