ފަރުވާދެވޭނެ ގޮތެއް ނެތި ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއް ފެންމަތިވެއްޖެ
ފަރުވާދެވޭނެ ގޮތެއް ނެތި ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއް ފެންމަތިވެއްޖެ

ފަރުވާ ހޯދަން ރަށުން ބޭރަށް ދެވޭނެ ގޮތެއް ނެތި އއ. ތޮއްޑޫގައި ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ މީހާގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު މިރޭ ބުނީ، ކުއްޖާގެ ހަރަކާތްތައް ދަށްވެގެން، ރަށުގައި ހުންނަ ސިއްހީ މަރުކަޒަށް އެންމެ ފުރަތަމަ ދިޔައީ މިދިޔަ މަހުގެ 17 ހިސާބުގައި ކަމަށެވެ. އެކަމަކު، އެ ތަނުގައި ސްކޭން ހެދޭނެ ގޮތެއް ނެތުމުން، އެ އަތޮޅު ރަސްދޫ ހޮސްޕިޓަލަށް ދިއުމަށް އެދުނު ކަމަށާއި ނަމަވެސް ރަސްދޫ އިން އެކަމަށް އެއްބާރުލުމެއް ނުދިން ކަމަށް ބުންޏެވެ.

ތޮއްޑޫ ސިއްހީ މަރުކަޒާ ހަވާލަަދީ، އެ މީހާ ބުނިގޮތުގައި ރިސްކް ބޮޑު ކޭހެއް ވުމުން ރީޖަނަލް ހޮސްޕިޓަލް ނުވަތަ ފަރުވާ އަށް މާލެ ދިއުމަށް ރަސްދޫ ހޮސްޕިޓަލުން އެންގި ކަމަށެވެ.

"މިދިޔަ މަހުގެ 13 ވަނަ ދުވަހު އޭޑީކޭ އަށް ދެއްކުމުން އޭރު ވެސް ޑޮކްޓަރު ބުނި ފެން މަދޭ. އެކަމަކު ހަފުތާއެއް ފަހުން ޑޮކްޓަރަށް ދައްކާށޭ، އެ ކަހަލަ އެއްވެސް ވާހަކައެއް ނުބުނޭ. އޭގެ ދެ ދުވަސް ފަހުން ރަށަށް އައީ. އައިތާ ދެ ދުވަސް ފަހުން އަންހެން މީހާ ބުނެފި ދަރިފުޅުގެ މޫވްމަންޓް ދަށޭ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންނެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު އަނެއްކާ ވެސް ސިއްހީ މަރުކަޒަށް ގެންދިއުމަށްފަހު އެ ދުވަހުގެ މެންދުރު ފަހު އަންހެން މީހާ ވަނީ ވިހައިފަ އެވެ. ބަނޑަށް އަށް މަހުގައި ވިހެއިރު ވެސް ފިރިހެން ދަރިފުޅު އޮތީ މަރުވެފަ އެވެ.

އެ ދެމަފިރިންގެ އިތުރު ދެ ކުދިން ވެސް ތިބެ އެވެ. ހަގު ދަރިފުޅަށް ނުވަ އަހަރެވެ.

އަންހެން މީހާގެ ފަރުވާ އަށް ރަށުން ފުރުމުގެ ހުއްދަ ޓާސްކް ފޯހުން ވަނީ ދީފަ އެވެ. އަދި އެކަމަށް އާސަންދަ ވެސް ހަމަޖެހުނެވެ.

"މި ހުރިހާ ކަމެއް ރަސްދޫ ކޮޅުން މި ބްލޮކް ކުރީ،" އެ މީހާ ބުންޏެވެ.

ނަމަވެސް އެކަމާ ގުޅިގެން ރަސްދޫ ހޮސްޕިޓަލުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ، ރިސްކު ބޮޑު މީހަކަށް ވާތީ، ރީޖަނަލް ހޮސްޕިޓަލް ނުވަތަ މާލެ އަށް ފަރުވާ ހޯދަން އިރުޝާދު ދީފައިވާނެ ކަމަށެވެ.

"އެ މައުލޫމާތު ލިބުނީމާ އެ ކޭހަށް ބަލާފައި މާލެ ނުވަތަ ރީޖަނަލް ތަނަކަށް ދާން ލަފާ ދިނީ. ހޮސްޕިޓަލުގައި އެ ހިދުމަތް ނެތީމަ، މި ހާލަތުގައި ކުއްޖާ ނަގައިގެން ފަރުވާ ދޭނެ ނާސަރީއެއް ނުހުންނާނެ. އެކަން މެނޭޖްކުރަން ނެތީމަ ޑޮކްޓަރު އިރުޝާދު ދިނީ އެގޮތަށް،" ހޮސްޕިޓަލުން ވާހަކަދެއްކި ބޭފުޅާ ވިދާޅުވި އެވެ.