14 މެއި 2020 - 19:49

ރާއްޖޭގައި އުޅޭ ޕާކިސްތާނުގެ 40 އަށްވުރެ ގިނަ މީހުން އިއްޔެ އަނބުރާ ގައުމަށް ގެންގޮސްދީފި އެވެ.
ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްރީލަންކަން އެއާލައިންގެ ހާއްސަ ފްލައިޓެއްގައި 43 މީހުން ގެންގޮސްފައިވާ ކަމަށެވެ. އެމީހުން ފުރުއްވުމަށް ހައި ކޮމިޝަނަރު އަތާ މުހުތާރާއި ޑެޕިއުޓީ ހައި ކޮމިޝަނަރު ޒުލްގުރުނައިން ވެލާނާ އެއާޕޯޓަށް ވަޑައިގަތެވެ.
އެމްބަސީން ވަނީ އެ މީހުންނަށް ފޭސް މާސްކާއި ސެނަޓައިޒާ އަދި އަންގި ފޯރުކޮށްދީފަ އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް ޕާކިސްތާނުގެ ނުވަ މީހަކު ވަނީ ގަތަރު އެއާވޭސްގެ ފްލައިޓަކުން ގެންގޮސްފަ އެވެ.
އެކި ގައުމުތަކުން އަންނަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ތާށިވެފައި ނުވަތަ ހާލުގައި ޖެހިފައި ތިބި މީހުން އެ ގައުމުތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. މިއަދު ވެސް ސްރީ ލަންކާ އާއި ޖަޕާން އަދި ކޮރެއާގެ 301 މީހުން ފުރާފައި ވެ އެވެ.
ބަޔާނުގައި ބުނީ މިިދިޔަ މަހުގެ 26، 27 އަދި 29 ވަނަ ދުވަހު ޕާކިސްތާނުގެ ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އަންގާފައިވާ ކަމަށާއި އެ މީހުންނަށް އައިސޮލޭޝަން ފެސިލިޓީތަކުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. ސްޓޭބަލް ކަމަށާއި ބަލިން ރަނގަޅު ވަމުން އަންނަކަން ފާހަގަކޮށް ބަޔާނުގައި ވަނީ އެމީހުންނަށް ދެމުން އަންނަ ފަރުވާއާ މެދު ޝުކުރު އަދާކޮށްފަ އެވެ.
"ޑޮކްޓަރުންނާއި ޕެރަމެޑިކަލް ސްޓާފުން އަދި އެހެން ހިދުމަތްތެރިން މި ވަގުތު ކުރަމުން އަންނަނީ ތައުރީފް ހައްގު މަސައްކަތެއް. އެ ހިދުމަތްތަކާއި މަސައްކަތްތަކަށް ޝުކުރު އަދާކުރަން،" ބަޔާނުގައި ބުންޏެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 950 އިން މައްޗަށް އަރައިފަ އެވެ. އެ ބަލީގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.