16 މެއި 2020 - 09:02

ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ގެނެސްދިން "މުންނާބާއީ އެމްބީބީއެސް" އާއި "ލަގޭ ރަހޯ މުންނާބާއީ" އަކީ ސަންޖޭ ދަތާއި އަރުޝަދުގެ ވަރަށް މަޖާ ރޯލްތަކެއް ފެނިގެން ދިޔަ ދެ ފިލްމެވެ. އެ ދެ ތަރިންނާ އެކު "މުންނާބާއީ" ގެ ތިން ވަނަ ފިލްމެއް ވެސް ހަދަން އޮތީ ނިންމައިފަ އެވެ. އެކަމަކު އެ ފިލްމަށް ވާގޮތެއް އަދި ނޭނގެ އެވެ.
ނަމަވެސް މިހާރު ޔަގީންވާ ކަމަކީ އެ ފިލްމުގެ ކުރިން ސަންޖޭ އާއި އަރުޝަދު އެކީގައި އެހެން ފިލްމަކުން ފެނިދާނެ ކަމެވެ. އަދި ނަން އިއުލާންނުކުރާ މި ފިލްމަކީ މީގެ ކުރިން ވެސް އެކީގައި ފިލްމުތަކެއްގެ ސްކްރީންޕްލޭ ލިޔުނު ފަރުހާދު-ސާޖިދުގެ ސްކްރީންޕްލޭއަކަށް ހަދާ ކޮމެޑީއެކެވެ.
ދެ އެކުވެރިންގެ ވާހަކަ ކިޔައިދޭ މި ފިލްމުގައި ސަންޖޭ ކުޅޭނީ ލޯ އަނދިރި ޑޮންއެއްގެ ރޯލެވެ. އަދި އަރުޝަދަކީ އޭނާ އަށް މަގު ދައްކައިދޭން ހުންނަ ގާތް އެހީތެރިޔާ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ މި ފިލްމު ކުރިން ޝޫޓްކުރަން އޮތީ ހަންގޭރީގެ ބުޑަޕެސްޓާއި ޗެކް ރިޕަބްލިކްގް ޕްރާގްގައި ކަމަށެވެ. ނަމަވެސް ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުންތަކާ އެކު ދަތުރުފަތުރަށް އެރި ބުރުލާއާ އެކު ފިލްމު މިހާރު ޝޫޓްކުރަން ނިންމާފައި ވަނީ އިންޑިއާގެ ގޯއާގަ އެވެ. އަދި އިންޑިއާގައި އަލުން ޝޫޓިންތައް ފެށުމުގެ ހުއްދަ ލިބުމާ އެކު، މަސައްކަތް ފަށާނެ އެވެ.
މީޑިއާތަކުން ބުނިގޮތުގައި މިދިޔަ މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ޔޫރަޕްގައި ފަށާ ގޮތަށް ނިންމާފައި ވަނިކޮށް، ކޮރޯނާވައިރަހުގެ ހާލަތު ގޯސްވާން ފެށުމުން ފަހުން، ފިލްމު ތައިލެންޑްގައި ވެސް ޝޫޓްކުރަން ރޭވި އެވެ.
ނަމަވެސް މި ވަގުތު ބޭރު ގައުމުތަކަށް ދަތުރުކުރުމުގެ ބަދަލުގައި ސްކްރިޕްޓަށް ކުދިކުދި ބައެއް ބަދަލުތައް ގެނެސްގެން ގޯއާގައި ފިލްމު ޝޫޓްކުރަން ނިންމީ އެވެ.
ބެލެވޭ ގޮތުން މިއީ އަންނަ އަހަރު ރިލީޒްކުރާނެ ފިލްމެކެވެ.