ކޮވިޑް-19: އިތުރު އަށް މީހަކު ރަނގަޅުވެއްޖެ
ކޮވިޑް-19: އިތުރު އަށް މީހަކު ރަނގަޅުވެއްޖެ

ރާއްޖެ އިން ކޮވިޑް-19 ޖެހުނު އިތުރު އަށް މީހަކު އެ ބަލިން ރަނގަޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ރަނގަޅުވި އަށް މީހުންނަކީ ވެސް ދިވެހިން ކަމަށެވެ. ރެއާ ހަމައަށް ރަނގަޅުވެފައިވާ 40 މީހުންގެ ތެރޭގައި ހިމެނެނީ 26 ދިވެހިންނާއި 14 ބިދޭސީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުނީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. މާލެ އިން އެ ބަލީގެ މީހަކު ފުރަތަމަ ފެނުނީ ޖެހިގެން އައި އޭޕްރީލް މަހުގެ 15 ގައި ކަމަށް ވާއިރު ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށީ އޭގެ ފަހުންނެވެ.

މާލެ ފިޔަވައި އަތޮޅުތެރެއިން މިހާތަނަށް މިބަލި ފެނިފަައި ވަނީ ހއ. އުލިގަމާއި ނ. މަނަދު އާއި ކ. ތުލުސްދޫ އަދި ނަރުދޫ އިން ނެވެ. މީގެ ތެރެއިން އުލިގަމުން އެންމެ ފުރަތަމަ ބަލި ޖެހުނު މީހާ މިހާރު ވަނީ ރަނގަޅުވެފަ އެވެ. މި ހުރިހާ ރަށަކަށް ވެސް ބަލި ގޮސްފައި ވަނީ މާލެ އިން ރަށްރަށަށް ދިޔަ މީހުންގެ ފުށުންނެވެ.

މިހާތަނަށް 968 ކޭސް ފެނިފައިވާއިރު، ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި މި މަހުގެ ފަހުކޮޅު ވަރަށް ބޮޑު ޕީކެއް އަންނާނެ އެވެ. ޕީކް އެންމެ މަތިވާ ދުވަހު ބަލި ޖެހިފައިވާ 6،000 މީހުން ފެނިދާނެ ކަމަށް ލަފާކޮށްފައި ވެ އެވެ. އެކަމަކު، މިވަރުގެ ޓްރޫ ޕީކެއް ލޮކްޑައުން ކޮށްފައި އޮންނަ އިރު ނުފެންނާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.

ރާއްޖެ އިން ފެންނަ ކޮވިޑް-19 ގެ ގިނަ މީހުންގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ނުފެނެ އެވެ. އެހެންވެ، ބަލި ޖެހިފައި ނޭނގި ވެސް ބަޔަކު މުޖުތަމައުގައި އުޅޭނެ ކަމަށް އެޗްޕީއޭ އިން ލަފާކުރެ އެވެ.